ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް "ބީއެމްއެލް ސްޕްލިޓްޕޭ" ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ މިއީ ކްރެޑިޓް ކާޑުން ވިޔަފާރިކުރާއިރު ޚަރަދުތައް މެނޭޖްކުރުމުގައި އިތުރު ލުއިފަސޭހަކަމާއި އިހުތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ އައު ޚިދުމަތެއް ކަމަށެވެ.
ސްޕްލިޓްޕޭ ޚިދުމަތާއެކު 1,500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު، 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާއި މިއާއެކު އަގުބޮޑު ތަކެތި ގަތުމުގައި މާލީގޮތުން ރޭވުންތެރިކަމާއެކު ފައިސާ ބެލެހެއްޓުމަށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް ސްޕްލިޓްޕޭ ލިމިޓް ކަނޑައެޅިފައިވާ ކަސްޓަމަރުންނަށް މި ޚިދުމަތްދޭ ވިޔަފާރިތަކުން ސްޕްލިޓްޕޭގެ ޚިދުމަތް ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ. އަދި ބީއެމްއެލް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް، ވިސާ ނުވަތަ މާސްޓަރކާޑް ބްރޭންޑްގެ ކްރިޑިޓް ކާޑަކުން ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކާ ވަގުތު އެ މުއާމަލާތް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ވަގުތުން ބަދަލުކޮށްލެވޭނެ އެވެ.
މި ހިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް ސްޕްލިޓްޕޭ މެދުވެރިކޮށް، ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދީފައިވާ ކަމަށެވެ. މި ޚިދުމަތުގެ ސަބަބުން، ފައިސާ ދެއްކުން ބަހާލައިގެން ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންގެ މާލީ ކަންކަން ބަޖެޓްކޮށް ރާވާލުމަށް އިތުރު ލުއިފަސޭހަކަން ލިބޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ މި ޚިދުމަތަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އީޖާދީ ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފުކުރި ޚިދުމަތެއް ކަމަށެވެ.