Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

ފުލުހުންގެ ހަގީގީ ކާމިޔާބަކީ ރައްޔިތުންގެ އިތުބާރާއި ހިނިތުންވުން

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ކޮނޑުގައި ޖަހާ ރޭންކެއް ނުވަތަ މެޑެއްޔެއް ނޫން ކަމަށާއި، އެއީ ކުށުގެ ނުރައްކަލުން ސަލާމަތްވުމުން ރައްޔިތެއްގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ޕާސިން އައުޓް ޕެރޭޑްގައި ވާހަކަދައްކަމުން ސީޕީ ވިދާޅުވީ ތަމްރީނުގެ ދުވަސްތަކުގައި ހޫނު އަވީގައާއި ފިނި ރޭގަނޑުތަކުގައި ދަސްކުރި އުކުޅުތަކާއި ހުނަރުތަކަކީ ފުލުހުންގެ ހަށިގަނޑުގައި ހިނގަންޖެހޭނެ ގައުމީ ލޭ ކަމުގައި ހަދަންޖެހޭނެ ކަމަށެވެ.

"ތަމްރީނު މައިދާނުގައި އޮހޮރުވާލި ކޮންމެ ދާ ތިއްކަކީ މަގުމަތީގެ އަމާންކަމާއި ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި ވާންޖެހޭ ގުރުބާނީގެ ފެށުން" ކަމަށް ސީޕީ ވިދާޅުވި އެވެ.

ޒުވާން އޮފިސަރުންގެ ހިތްތަކުގައި ބެހެއްޓުމަށް އެންމެ ބޭނުންވާ ވާހަކައެއްގެ ގޮތުގައި ސީޕީ ފާހަގަކުރެއްވީ ނޫކުލައިގެ ޔުނީފޯމުގެ މާނައެވެ.

"ތިޔަ ލައިގެން ތިބި ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން. އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މާނައަކީ ހަމައެކަނި ގާނޫނު ތަންފީޒު ކުރުމެއް ނޫނެވެ. ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑު ކަމަށާއި ރައްޔިތުންގެ ތެރޭގައިވާ ހިތްތަކަށް އަމާންކަން ގެނެސްދޭނެ ފަރުވާއަކަށް ފުލުހުން ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށް ވިދާޅުވެ ﷲ ސުބްހާނަހޫ ވަތައާލާ ހިތާއި އަމަލުތައް މޮޅަށް ބައްލަވާ ވޮޑިގެންވާ ކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމަށް ކޮމިޝަނަރ އިލްތިމާސް ކުރެއްވި އެވެ.

މީގެއިތުރުން ސީޕީ ވަނީ، އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ފުލުހުންގެ ކޮލެޖުގެ އިސްވެރިންނާއި މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ސީޕީގެ އެންމެ ބޮޑު އެދިވަޑައިގަތުމެއްގެ ގޮތުގައި ވިދާޅުވީ ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހާ އެކު ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުން ކަމަށެވެ. އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން އަމަލީ މައިދާނުގައި ފެންވަރު ރަނގަޅު ނަމޫނާ އޮފިސަރުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.