Last Updated: July 3, 23:06
Friday, July 3, 2026
ކުޅިވަރު

ފަސޭހަ މޮޅަކާ އެކު ސްޕެއިން ގަދަ 16 އަށް

އޮސްޓްރިއާ 3-0 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން ސްޕެއިން ޖާގަ ހޯދައިފި އެވެ.

މިއީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތަށި ނެގި ފަހުން ސްޕެއިނުން ނޮކައުޓް ބުރުގެ މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ގަދަ 16 ގައި ސްޕެއިނުން ބައްދަލުކުރާނީ މިރޭ ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ލޮސް އެންޖެލްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 36 ވަަނަ މިނިޓްގައި، ސްޕެއިނުން ލީޑުނެގީ މިކޭލް އޮޔާޒަބާލް ޖެހި ގޯލުންނެވެ. މިއީ ކުކުރޭއާ ދިން ބޯޅައަކުން އޮޔާޒަބާލް ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިންގެ އަލެކްސް ބައޭނާ ޖެހި ހިލޭ ޖެހުމެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، އޭގެ ރީބައުންސުން ލަމީން ޔަމާލް ފޮނުވާލި ހަމަލާ މަތަކުރީ އޮސްޓްރިއާގެ ކީޕަރު، އަލެންސަންޑަ ޝާލްގާ އެވެ.

ސްޕެއިނުން ދެ ވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ދިޔައީ އޮސްޓްރިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 66 ވަނަ މިނިޓްގައި ބައޭނާ ނެގި ހުރަހަކުން ޕެޑްރޯ ޕޯރޯ ވަނީ ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެން ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

އޭގެ ފަހުން، ޔަމާލް ގޯލަށް ފޮނުވާލަން ޖެހި ބޯޅަ އެއް ރޮނގުމަތިން އޮސްޓްރިއާގެ ކެޕްޓަން، ޑޭވިޑް އަލަބާ ސަލާމަތްކުރިއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސްޕެއިންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އޮޔާޒަބާލް އެވެ.