Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ފުލުހުންގެ މިޝަނަކަށް ވާންވީ ޑްރަގުން ރާއްޖެ ސަލާމަތްކުރުން

ފުލުހުން ކާމިޔާބުކަމާއެކު ނިންމަންވީ މިޝަނަކީ ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ޕާސިން އައުޓް ޕެރޭޑްގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ ދާހިލީ ސަލާމަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި އަދި ރާއްޖޭގައި ހިންގާ އިންތިޒާމުވެގެންވާ ބޮޑެތި ކުށްތަކަށް ފަންޑުކުރަނީ ވެސް މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން ކަމަށެވެ.

"މަސްތުވާތަކެތީގެ ވަބާއަކީ އެތައް އަހަރެއްވީ ބޮޑު ހުރަހެއް. މިއީ އާއިލާތަކުގެ ހަމަޖެހުން ނަގާލައި، ފަރުދުންގެ ދިރިއުޅުން ހަލާކުކޮށްލާކަމެއް. އެހެންކަމުން ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ ވަރުގަދަ ޒިންމާއަކީ، އަދި އެންމެ ކާމިޔާބުކަމާއެކު ނިންމަންވީ މިޝަންއަކީ މި ވަބާއިން ގައުމު ސަލާމަތްކުރުން" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެއީ އުދަނގޫ މަސައްކަތަކަށްވީ ނަމަވެސް، ފާއިތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފުލުހުން ކުރަމުންދާ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި، މި މަސައްކަތުގެ ފުރިހަމަ ނަތީޖާ އަންނަ އަހަރު ފެންނާނެކަމަށް އިހުސާން ވިދާޅުވި އެވެ.

މީގެއިތުރުން ފުލުހުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ އެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ކަމަށާއި ފުލުހުންގެ މަސައްކަތުގައި ކިބުރުވެރިކަމެއް ނެތި، ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަކީ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.