Last Updated: July 3, 23:06
Friday, July 3, 2026
ރިޕޯޓް

ދިވެހި އަސްކަރީ އެވޭލާ ތާރީޚު (2)

(ޖުލައި 1 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ދިވެހިރާއްޖެ އިސްލާމްވީ ދުވަސްވަރު އޮތް އަސްކަރީ ނިޒާމު

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އައި ވަރަށް ބޮޑު ބަދަލެކެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެ މުހިންމު ހާދިސާއެވެ. ސިރީ ތްރިބުވަނަ އާދިއްތަ މަހާރަދުން އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް އެނބުރުމަށް އަމުރުކުރެއްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރުމަހުގެ ކުރީކޮޅުގެ ދުވަހެއްގައެވެ. އެއީ މީލާދުން 1153 ވަނަ އަހަރެވެ. ދިވެހިރާއްޖެ އިސްލާމްވީ ދުވަހެއްކަމުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރުމަހުގެ 2 ވަނަ ދުވަހެވެ.

ތްރިބުވަނަ އާދިއްތަ މަހާރަދުން އިސްލާމްވެވަޑައިގަތުމަށް ފަހު އިޚްތިޔާރު ކުރެއްވި ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ އެވެ. މިއީ ދިވެހި ތާރީޚުގައި މަޝްހޫރު ދަރުމަވަންތަ ރަސްގެފާނެވެ.

ދިވެެހިރާއްޖެ އިސްލާވީ އިރުވެސް ދިވެހި ލަޝްކަރު އޮތީ ބަދަހި ވަރުގަދަ ލަޝްކަރެއްގެ ގޮތުގައެވެ. މިކަން އެނގެނީ ދިވެހިރާއްޖެ އިސްލާމްވިއިރު އިންނެވި ރަދުންގެ ކުރިން ރަސްކަން ކުރެއްވި ސިރީ މަހާބަރަނަ މަހާރަދުންގެ ރަސްކަމުގައި (1121-1142) ޗޯޅާއިން ބަލިކުރައްވައި ޗޯޅާއިން ދިވެހިރާއްޖެއިން ހިފައިގެން ތިބި އޭރު ދިވެހިރާއްޖޭގެ ދެ އަތޮޅުކަމުގައިވާ މަލިކު އަތޮޅާއި ތިލަދުންމަތި މިނިވަން ކުރައްވާފައި ވާތީއެވެ. އަދި އެއީ ދިވެހިރާއްޖެ އިސްލާމްވި ތާރީޚުގެ 17 ވަރަކަށް އަހަރު ކުރިން ކޮށްފައިވާ ވަރުގަދަ ހަނގުރާމައަކަށް ވާތީއެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ހަމަޖެއްސެވިތާ 42 އަހަރު ވީ އިރުވެސް ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ އެންމެން އިސްލާމް ނުވާކަން އެނގެއެވެ. އަދި ބުދުދީނުގެ ބޮޑެތި ވޭރުތައް ހުރި ރަށްރަށުގައި ހިނގަމުން ދިޔައީ ބުދުފައްޅިތަކުގައި ތިބި އިސް ހާމުދުރުންގެ ރަސްކަމެވެ. އަދި އެ މީހުން ދިޔައީ އެ މީހުންގެ ބުދު ފައްޅިތައް ބިނާކޮށް އެ ދީނުގެ ޝިޢާރުތައް ވަރުގަދަ ކުރަމުންނެވެ.

މި މައްސަލަ ހަމަޖެއްސެވުމަކީ ދިވެހި ދައުލަތަށް ފަސޭހަކަމަކަށް ނުވިއެވެ. މާލެއިން ވަފުދުތައް ފޮނުއްވައިގެން ހެޔޮ ނަސޭހަތާއި ދީނަށް ދައުވަތު ދެއްވައިގެން މުޅި ދިވެހިރާއްޖެއަށް ދިޔައީ އިސްލާމްދީން ފަތުރަމުންނެވެ. ދެކޮޅުވެރިވާ ފަރާތްތަކާމެދު ދިޔައީ ފިޔަވަޅު އަޅަމުންނެވެ.

މިގޮތުގައި 42 އަހަރު ފާއިތުވިފަހުން މުޅި ރާއްޖެ އިސްލާމް ކުރެއްވި ރަސްކަލަކީ އައްސުލްޠާން ދިނެއި ކަލަމިންޖާ، ސިރީ ގަޑަނާދީއްތަ މަހާރަދުން (1192-1198) ނެވެ. މި ރަދުންގެ ރަސްކަމުގައި އިސްލާމް ނުވެ އެންމެ ފަހަށް ހުރި ރަށްރަށަށް މާލެއިން ދިވެހި ލަޝްކަރު ފޮނުއްވައިގެން އެ ރަށްރަށުގެ މައްސަލަތައް ހަމަޖެއްސެވިއެވެ. މި މަޢުލޫމާތު ލިބެނީ މީލާދުން 12 ވަނަ ގަރުނުގައި ލިޔެފައިވާ އިސްދޫ ލޯމާފާނު (1195/1196) އާއި ދަނބިދޫ ލޯމާފާނު (1196/1197) އާއި ގަމު ލޯމާފާނު (1194/1195) ންނެވެ.

މި ލޯމާފާނުތަކަކީ މި ލޯމާފާނުތައް ނިސްބަތްވާ ރަށްރަށުގައި އޮތް ބުދު ދީނުގެ ހާމުދުރުންގެ ބާރު ކަނޑުވާލާއި ވޭރުތައް ތަޅާނައްތާލި ގޮތާއި އެތަންތަނުގެ ބަފަލުގައޖ ޢިމާރާތްކުރެވުނު މިސްކިތްތަކާއި އެ މިސްކިތްތައް ބަލަހައްޓާނެގޮތާއި އެ ރަށްރަށުގެ ރައްޔިތުންގެ ކަންތައްތައް ހަމަޖެއްސެވި ގޮތުގެ މައްޗަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ފަރާތުން ލިޔެފައިވާ ރަސްމީ ލިޔުންތަކެކެވެ.

ދިވެހިރާއްޖެ އިސްލާމްވީ ދުވަސްވަރު ދިވެހިރާއްޖޭގައި ދާޚިލީ ހަމަނުޖެހުންތަކެއް ނުވަތަ އެތެރޭގެ ބޮޑެތި ބައިބައިވުންތަކެއް ނެތި ނުދާނެއެވެ. މިކަން އިސްދޫގައި ކުރީގައި އުޅުނު ކާފަރު ރަސްކަލުން ޢިމާރާތްކޮށްފައިވާ ބުދުފައްޅިތައް ތަޅައި ބުދު އުފުރައި ބުދާއި މި ބުދު ބެލެހެއްޓި ހާމުދުރުން މާލެ ގެންނަވައި އިސްލާމް ނުވި މީހުން ޤަތުލުކުރެއްވި ވާހަކަ އިސްދޫ ލޯމާފާނުގައި އޮތުމުން ސާފުކޮށް އެނގެއެވެ. މިގޮތަށް ލަޝްކަރު ފޮނުއްވައިގެން ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެންނެވީ ކިތައް ރަށްކަމެއް ނޭނގެއެވެ.

ފެންނަން ހުރި ލޯމާފާނުތަކުން ހައްދުންމަތީ ގަމާއި، އިސްދުވާއި، ދަނބިދޫ އިސްލާމް ކުރެއްވީ އައްސުލްޠާން ދިނެއި ކަލަމިންޖާ ނުވަތަ ސިރީ ގަޑަނާދީއްތަ މަހާރާދުންކަން އެނގެއެވެ. އަދި މުޅި ރާއްޖެއަށް އިސްލާމްދީން ފެތުރުމުގައި ދިވެހި ލަޝްކަރު ނުވަތަ ދިވެހި އަސްކަރިއްޔާއިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާކަން ވެސް ސާފުވެއެވެ.

އިސްދޫ ލޯމާފާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ހައްދުންމަތީގައި ހުރި ބުޑީސްޓް ރަށްތައް އިސްލާމް ކުރެއްވުމުގެ މަސައްކަތްޕުޅު އައްސުލްޠާން ދިނެއި ކަލަމިންޖާ ފެށްޓެވީ އެ ރަދުންގެ ރަސްކަމުގެ ތިންވަނަ އަހަރުއެވެ. މާލެއިން ލަޝްކަރު ފޮނުއްވައިގެން ބުޑިސްޓް ވޭރުތަކުގައި ތިބި ހާމުދުރުން ހިފާ ހައްޔަރުކޮށްގެން މާލެ ގެންނަވައި އިސްލާމް ދީން ހުށަހެޅުމުން އެކަން ގަބޫލު ނުކުރި މީހުން ގަތުލުކުރީއެވެ. އޭގެފަހުން ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އޮތީ މާތްވެގެންވާ އިސްލާމްދީނެވެ. ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވީއެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމުދީން ކަމަށް ކަނޑައެޅި ދުވަސްވަރު އުފެދުނު ބޮޑު ފިތުނަވެރިކަމުން ރާއްޖެ ސަލާމަތްކޮށް، ހަމައަކަށް އެޅުވުމުގައި ވެސް އަސްކަރިއްޔާގެ ދައުރު ވަރަށް ބޮޑެވެ. މި މަސައްކަތް ކާމިޔާބު ކުރެވިފައި ވަނީ އޭރު ވެސް ދިވެހިރާއްޖޭގައި އޮތް ދިފާޢީ ބާރަކީ ވަރުގަދަ އަދި ރޭވުންތެރިކަމަކާއި ހަރުދަނާ އިންތިޒާމެއްގެ މަތިން ހިނގަމުން ދިޔަކަން ބާރަކަށް ވީތީއެވެ. ޚާއްޞަކޮށް ކީރިތި މަހާރަދުންނަށް ވަފާތެރި އަމުރަށް ކިޔަމަންތެރި ޤައުމީ ރޫޙުގައި ޚިދުމަތްކުރި ބަޔަކަށް އޭރުގެ އަސްކަރީން ވީތީއެވެ.

އޭރު އޮތް މި ވަރުގަދަ ދިފާޢީ ރޭވުންތެރިކަމުގައި ހިމެނޭ އެކިއެކި މަޤާމުތަކުގެ ނަންތައް އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނާއި ގަމު ލޯމާފާނުގައި ވެސް އެ މަޤާމުތައް އޭރު ފުރުއްވި ބޭފުޅުންގެ ނަންފުޅުތަކާއެކު ހިމަނާފައިވެއެވެ. އިސްދޫ ލޯމާފާނުގައި އޭރުގެ ރަދުން، އައްސުލްޠާން ދިނެއި ކަލަމިންޖާ، ސިރީ ގަޑަނާއްދީއްތަ މަހާރަދުންގެ ލަޤަބުފުޅުގެ ތެރޭގައި "ޝަވާ ލަކްޝަދީޕަ ރަކްޝަނަ" ހިމަނުއްވާފައިވެއެވެ. މާނައަކީ "ފުރިހަމަ އެއްލައްކަ ޖަޒީރާ ރައްކާތެރި ކުރައްވާ" މަހާރަދުންނެވެ.

މި ޢިބާރާތުން އޭރު ވެސް ދިވެހިރާއްޖެއަކީ އެއްވެރިކަމެއްގެ ދަށުގައި ހިނގަމުން އައި މިނިވަން ދައުލަތެއްކަން އެނގެއެވެ. އެ ޒަމާނުގައި ވެސް ދިވެހިރާއްޖެގެ މި ހުރިހާ ކުދިކުދި ރަށްތަކަކާއި ފުށިތަކަކާއި ގިރިފަޅާއި ކަނޑުތައް ދުޝްމަނުންނާއި ބޭރުގެ ހަތުރުންގެ ކިބައިން ސަލާމަތްކޮށް ދިފާޢުކޮށް ރައްކާތެރިކުރުމުގެ ބާރާއި ޤާބިލުކަން ދިވެހީންގެ ކިބައިގައި ހުރިކަން ސާފުވެއެވެ.

އެ ޒަމާނުގައި އޮތް ދިފާޢީ ނިޒާމު ރާވައި ހިންގައި ތަރުތީބުކުރައްވާ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ކީރިތި މަހާރަދުންނެވެ. އަދި މި ނިޒާމު ހިނގަމުން އައީ ލަޝްކަރަކާއި ހަތިޔާރާއި ވަސީލަތްތައް ހުރެގެން ހަމަތަކެއްގެމަތީނެވެ. މި ވާހަކަތަކަށް ލިބޭ އިތުރު ބާރަކީ ރަސްގެފާނު ނުވަތަ މަހާރަދުންގެ ފަހަތްޕުޅުން މި މަސައްކަތްތައް ޢަމަލީގޮތުން ހިންގައި ބަލަހައްޓަވާނޭ އިސްވެރިންތަކެއް ތިބިކަން ލޯމާފާނުތަކުން އެނގޭތީއެވެ. މިގޮތުން ދައުލަތުގެ އެންމެ އިސް އެއް މަޤާމަކީ "ސެނިވިރަސް" އެވެ.

އިސްދޫ ލޯމާފާނު ލިޔެވުނުއިރު މި މަޤާމުގައި ހުންނެވީ "ޕެސިޕުނަ އާއިލާ" ގެ ބުދިސިރު ކިޔާ ބޭފުޅެކެވެ. ސެނެވިރަސްގެ މަޤާމުގެ ނަން ދިވެހި ތާރީޚުން "ސަނޫރާޒާ" އަދި "ހެނެވި ރަސް" މިފަދަ ތަފާތު ނަންނަމުގައި ލިޔެވިފައިވެއެވެ. މިއިން ކޮންމެ ނަމެއް ކިޔަސް މިއީ ލަޝްކަރަށް އަމުރުކުރައްވައި އަދި ލަޝްކަރައިގެން މައިދާނަށް ނުކުމެވަޑައި ގަންނަވާ އަސްކަރީ އެންމެ އިސް ކޮމާންޑަރެވެ. ލޯމާފާނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި މަޤާމުގައި އޭރު ހުންނެވި ބުދިސިރަކީ ފެހެންދޫ ބޭފުޅެކެވެ.

އިސްދޫ ލޯމާފާނުގައި ދިވެހި އަސްކަރިއްޔާގެ ކަނޑުގެ އަރުމާޒުގެ ވެރިޔާގެ ވާހަކަ ވެސް ބަޔާންކޮށްފައިވެއެވެ. އެ ލޯމާފާނުގައިވާ "ވަލަނާއިކަ" ފަހުން ވަނީ "ވެލާނާއިކަ" އަށް ބަދަލުވެފައެވެ. އަދި ފަހުން މި ނަން އާންމުކޮށް ބޭނުންކުރަމުން އައީ "ވެލާނާ" މިގޮތަށެވެ. މިއީ ވެސް "ރަސްކަމުގެ ދެވަނަ މަޖިލިސް" ގައި ހިމެނޭ ބޭފުޅެކެވެ. ނުވަތަ ވަޒީރެކެވެ. އެއީ ދިވެހި ލަޝްކަރުގެ ކަނޑުގެ ބާރުގެ ވެރިޔާއެވެ. ދިވެހިރާއްޖޭގެ ބޭރާ ބެހޭ ނުވަތަ ޚާރިޖީ ވަޒީރެވެ.

އިސްދޫ ލޯމާފާނު ލިޔެވުނު އިރު މި މަޤާމުގައި ހުންނެވީ "ސަތިސިރު ޕާޓިކަ" ކިޔާ ބޭފުޅެކެވެ. މިއީ ދިވެހި ތާރީޚުން އެނގެން އޮތް ވެލާނާކަމުގެ މަޤާމު ފުރުއްވި ފުރަތަމަ ވެލާނާ މަނިކުފާނެވެ. އެންމެ ފަހުން ވެލާނާކަމުގައި ހުންނެވީ ޙަސަން ވެލާނާ މަނިކުފާނެވެ. މިއީ އަލްއަމީރު މަލިންގޭ ޙަަސަންދީދީއެވެ. މަލިންގޭ ޙަސަން މަނިކުފާނު މަޝްހޫރުވެފައި ވަނީ ވެލާނާ މަނިކުފާނުގެ ނަންފުޅުންނެވެ. މިއީ އައްސުލްޠާން ޙާޖީ ޢިމާދުއްދީންގެ ރަސްކަމުގެ ދުވަސްވަރު ދިވެހިރާއްޖެ ހިންގެވުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. މި ވެލާނާ މަނިކުފާނަށް ވެލާނާކަން ދެއްވީ 1894 ވަނަ އަހަރުއެވެ.

ލޯމާފާނުތަކުން ފެންނަ ދިވެހި އަސްކަރިއްޔާއާ ގުޅޭ އަނެއް މަޤާމަކީ "މޭނާއިކަ" އެވެ. ފަހުން މިއީ ދިވެހިރާއްޖޭގެ ރަސްކަމުގެ ކަންތައް ހިންގަވަން ތިއްބަވާ އިސް ފަސް ވަޒީރުންގެ ތެރެއިން ބޭފުޅެކެވެ. އެ ޒަމާނުގައި މިއީ އަސްކަރީ ވަޒީރެވެ. ލޯމާފާނުގައި އޮތްގޮތުން އެ ޒަމާނުގައި ދިފާޢީ ވަޒީރަކަށް ހުންނެވީ ވަތުރު އާއިލާގެ "ޝަދިސިރު" ކިޔާ ބޭފުޅެކެވެ. މިއީ ދިވެހި ތާރީޚުން ނަން އެގެންއޮތް އެންމެ ފުރަތަމަ ދިފާޢީ ވަޒީރެވެ. ދިވެހި ލަޝްކަރު ދެބައި ލަޝްކަރަށް ތަރުތީބު ކުރެވިފައި އޮތް ޒަމާނުގައި ދިވެހި ލަޝްކަރުގެ އިސް ތިންވަރުގެ ތެރޭގައި ދޮށިމޭނާވަރު އޮވެއެވެ. މިއީ ސީދާ ދޮށިމޭނާ ވަޒީރުގެ ދަށުގައި އޮންނަ ދިވެހ ލަޝްކަރުގެ ބައެކެވެ. ފަހުން ދޮށިމޭނާކަން އޮތީ ކޮލިލެވޭ ދަރަޖައެއްގެ ގޮތުގައެވެ. މިގޮތުން އެންމެ ފަހުން ދޮށިމޭނާކިލެގެ ކަމަށް ކޮލި ލެވުނީ، 21 އެޕްރީލް 1975 ގައި އޮނަރަބަލް ޢަބްދުލްޙަންނާން ޙަލީމަށެވެ.

ލޯމާފާނުގައި ރަދުންނާއި ގަނޑުވަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާ "ސީކްރެޓް ސަރވިސް"ގެ ވެރިޔާގެ ނަން ވެސް ހިމަނާފައިވެއެވެ. މި މަޤާމަކީ ފާމުލަދޭރި އެވެ. އެ ޒަމާނުގައި މިއީ ގަނޑުވަރުގެ ޚަޒާނާ ބަލަހައްޓަވާ ވަޒީރު ވެސް މެއެވެ. މި މަޤާމުގައި އޭރު ހުންނެވީ ކެންދޫ އުތުރު އާއިލާގެ އައިސިރު ކިޔާ ބޭފުޅެކެވެ. ފާމުލަދޭރި ނުވަތަ ފާމުދޭރިކަމަކީ ފަހުން ކޮލިލެވޭ ދަރަޖައެކެވެ. މިއީ ވަޒީރުކަމަށް ކޮލިލާފައި ތިއްބަވާ ބޮޑު ބޭކަލުންގެ ތެރެއިން ބޮޑު މުސްކުޅިކަމުގެ ޢިއްޒަތުގެ ދަރަޖައެކެވެ. އެންމެ ފަހުން ފާމުލަދޭރިކިލެގެކަމަށް ކޮލި ލެވުނީ، 21 އެޕްރީލް 1975 ގައި އޮނަރަބަލް ޢަބްދުއްސައްތާރު މޫސާ ދީދީއަށެވެ.

ދިވެހިރާއްޖޭގެ ލަޝްކަރުގެ އެންމެ މަތީ ވެރިޔަކީ ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިންވެސް އަދި ފަހުން ވެސް އެ ވަގުތަކު ހުންނަވާ ރަސްކަލެއް ނުވަތަ ރަނިކަނބަލެކެވެ. އެއަށް ފަހު ތިއްބަވަނީ ވަޒީރުންނެވެ. ވަޒީރުގެ ތެރޭގައި އިސް ވަޒީރުން ތިއްބަވައެވެ. ދިވެހި ލަޝްކަރުގެ ކޮންމެ ބަޔަކާ ހަވާލުވެ ވަޑައިގެން ހުންނަވަނީ ވަޒީރެކެވެ.

މިކަމުން އެނގެނީ ދިވެހި ދައުލަތުން އަސްކަރިއްޔާއަށް ދެއްވާފައި އޮތް އިސްކަމެވެ. އެވޭލާގައި އޮތް ރަސްކަމުގެ ނިޒާމުގައި ލަޝްކަރަކީ ވަރަށް ބާރުގަދަ އަދި މި ނިޒާމުގެ އެންމެ މުހިންމު އެއް ބައެވެ. އަލްޤާޟީ ޙަސަަން ތާޖުއްދީން ލިޔުއްވާފައިވާ ތާރީީޚު އިސްލާމި ދީބާ މަހަލުގައި ލިޔުއްވާާފައި ވެއެވެ. "ރަސްކަމުގެ ރުކުންތައް ހަތަރެކެވެ. ފުރަތަމައީ، ދައުލަތުގެ ޚަޒާނާއެވެ. ދެވަނައީ، ލަޝްކަރެވެ. ތިންވަނައީ، ލަޝްކަރުގެ މެދުގައި އޮންނަ އެއްގާނި ކަމާއި އެއްބައިވަންތަކަމެވެ. ހަތަރުވަނައީ، ޢަދުލްވެރިވުމާއި އަނިޔާވެރި ޢަމަލުތަކުން ދުރުހެލިވުމެވެ."

ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.