Last Updated: July 3, 23:06
Friday, July 3, 2026
ކުޅިވަރު

ފަހަތުން އަރައި މޮޅުވެ ޕޯޗުގަލް ގަދަ 16 އަށް

ފަހަތުން އަރައި 2-1 އިން ކްރޮއޭޝިއާ ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން ޕޯޗުގަލް ޖާގަ ހޯދައިފި އެވެ.

ގަދަ 16 ގައި ޕޯޗުގަލް ބައްދަލުކުރާނީ ސްޕެއިންއާ އެވެ. ސްޕެއިން ގަދަ 16 އިން ޖާގަ ހޯދީ އޮސްޓްރިއާގެ މައްޗަށް ފަސޭހަކަމާއެކު 3-0 އިން ކުރި ހޯދައިގެންނެވެ.

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް ލިބިފައެއް ނުވެ އެވެ.

ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު އިވާން ޕެރިސިޗް ވަނީ ކްރޮއޭޝިއާއަށް ލީޑު ނަގައިދީފަ އެވެ. މިއީ ޕޯޗުގަލްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ޕެރިސިޗް ކާމިޔާބުކުރި ގޯލެކެވެ. މި ގޯލަށްފަހު ޕޯޗުގަލުން ބަދަލުތަކެއް ގެނެސް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު، އެޓީމުން ވަނީ މެޗުގެ 68 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ޕޯޗުގަލްގެ ކުޅުންތެރިއަކަށް ކްރޮއޭޝިއާގެ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ގޯލެކެވެ.

މިއީ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ މެޗެއްގައި ރޮނާލްޑޯ ޖެހި ފުރަތަމަ ގޯލެވެ.

ދެ ޓީމުން ވެސް ލީޑު އަލުން ނަގަން މަސައްކަތް ކުރަމުންދިޔައިރު، މި މެޗުން ޕޯޗުގަލް މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓްގެ ތެރެއިން ހަތަރުވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ފޯވާޑް ގޮންސާލޯ ރާމޯސް އެވެ. މިއީ ރަފޭލް ލިއާއޯ ކްރޮއޭޝީއާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ރާމޯސް ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ އިތުރު ވަގުތުގެ ވެސް އެންމެ ފަހު ސިކުންތުކޮޅުތެރޭ ކްރޮއޭޝީއާ އިން ގޯލެއް ޖަހައި ނަތީޖާ އެއްވަރުކުރި އެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ގޯލު ޖެހުމުގެ ކުރިން ކްރޮއޭޝީއާގެ ކުޅުންތެރިއަކު އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ގޯލު ކެންސަލްކޮށްފަ އެވެ.