ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި އެއީ އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް އަގުހުރި ހިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ ގަރލް ގައިޑް ޙަރަކާތަކީ ފަރުދީ، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މުހިންމު ޚިދުމަތެއް ކަމަށާއި ރާއްޖޭގައި މި ޚިދުމަތަށް 75 އަހަރު ފުރުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.
މި އަހަރުން ފެށިގެން ސަރުކާރުން ރަސްމީކޮށް ގަރލް ގައިޑް ދުވަސް ފާހަގަކުރަން ފެއްޓެވުމަކީ ކުރިއަށް އޮތް ތަނުގައި މި ޙަރަކާތަށް އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ އެވެ.
ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. ޤައުމު ބިނާކުރުމަކީ މީހުން ބިނާކުރުންކަމާއި، މީހުން ބިނާކުރާ އިރު، އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭކަން ފާހަގަކުރައްވާ، އެކަމަނާ އިތުރަށް ވިދާޅުވީ، ގަރލް ގައިޑުން އުފައްދައި ދެމެހެއްޓެމުން އެކަން ހިމެނިގެންދަނީ މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް އަގުހުރި ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް" އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން، ގައިޑާޒް ވޮރަންޓް ލިބިވަޑައިގަތް ފަރާތްތަކަށް ބެޖާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވުމާއި، ކުއަރޓަރ މާސްޓަރ އަދި ފަސްޓް އެއިޑް ބެޖް ޙަވާލުކޮށްދެއްވުމުގެ އިތުރުން ސާވިސް އެވޯޑް ޙަވާލުކޮށްދެއްވުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.