ޕޯޗުގަލުން ބޭނުންވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ކާރު އެކްސިޑެންޓެއްގައި މަރުވި އެ ޓީމުގެ ފޯވާޑް، ޑިއޯގޯ ޖޮޓާއަށްޓަކައި ވޯލްޑް ކަޕް ކާމިޔާބުކުރަން ކަމަށް، ޕޯޗުގަލް ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.
ޖޮޓާ މަރުވިތާ އަހަރެއް ވެފައިވާއިރު، ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުގައި ރޭ ޕޯޗުގަލުން 2-1 އިން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދި މެޗަށްފަހު އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޖޮޓާގެ 21 ނަމްބަރު ޖޯޒީއާއެކު ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއެކު އޭނާގެ ހަނދާންތައް އާކޮށްފަ އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޕޯޗުގަލްގެ ކޯޗު މާޓިނޭޒް ބުނީ ޖޮޓާ ދެކެމުން އައި ހުވަފެން އަދިވެސް ވަނީ ޓީމާއެކުގައި ކަމަށާއި ކޮންމެ ދުވަހަކީވެސް ހިތްދަތި ދުވަހެއް ކަމަށްވާއިރު ޓީމުން ފަރިތަކުރުންތަކުގައި އުޅޭއިރު، ޖޮޓާގެ ހަނދާންތައް އާނުވާ އެއްވެސް ވަގުތެއް ނުދާ ކަމަށެވެ.
ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލުން ހާއްސަކުރީ ޖޮޓާއަށް ކަމަށާއި އޭނާ އަބަދުވެސް ޓީމާއެކު ވާނެ ކަމަށްވެސް މާޓިނޭޒް ބުންޏެވެ.
"އަހަރެމެން ބޭނުންވަނީ އޭނާގެ ހަނދާނުގައި، އޭނާއަށްޓަކައި ވޯލްޑް ކަޕް ކާމިޔާބު ކުރަން،" މާޓިނޭޒް ބުންޏެވެ.
ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލުން ގަދަ 16 އިން ޖާގަ ހޯދިއިރު، އެ ބުރުގައި ޕޯޗުގަލުން ބައްދަލުކުރާނީ ޔޫރަޕްގެ ޗެމްޕިއަނުން ކަމަށްވާ ސްޕެއިންއާ އެވެ.