ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މުންޑު އަނދެގެން މިހާރު ތިއްބެވީ ގޭގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމްްޑީޕީގެ ޗެއާޕާސަންކަން ލިބިވަޑައިގެންފި ނަމަ، ރައީސް މުހައްމަދު މުއިއްޒު އޮންނަވަންޖެހިވަޑައިގަންނަވާނީ މުންޑު އަނދެގެން ގޭގައި ކަމަށް ނަޝީދު ވިދާޅުވުމަށް ފަހު، މުންޑު އަނދެގެން ގޭގައި މިއަދު އޮންނެވީ ނަޝީދު ކަމަށް ސިފަކޮށް އެމްޑީޕީ އާއި ނަޝީދަށް ޔާމީން ވަނީ މިދިޔަ ހަފްތާގައި ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.
ޔާމީންގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދަށް ތާއީދުކުރާ މަޝްހޫރު އެކްޓިވިސްޓް، ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު) ސޯޝަލް މީޑިއާގައި ޔާމީނަަށް ރައްދު ދީފަ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ރޭގެ ޖަލްސާގައި އެކަމަށް އިޝާރާތް ކުރައްވާ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ ނަމަ ރައީސް މުއިއްޒު އޮންނަވަންޖެހިވަޑައިގަންނަވާނީ މުންޑު އަނދެގެން ގޭގައި ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވީ އެމަނިކުފާނު ނޫން ކަމަށާއި އެއީ ނަޝީދު ދެއްކެވި ވާހަކަތަކެއް ކަމަށެވެ.
"މިއަދު އަޅުގަނޑު ސާފުކޮށްލަން ބޭނުންވޭ ލޫކަސްތޯ މުންޑު އަނދެގެން ގޭގައި އިނީ، ރައީސް ނަޝީދުތޯ މުންޑު އަނދެގެން ގޭގައި އިނީ، މުއިއްޒުތޯ މުންޑު އަނދެގެން ގޭގައި އިނީ. އޭގެ ޖަވާބެއް ނޫންތޯ ދޭންވީ. އެއަކަށް ޖަވާބެއް ނުދޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ލޫކަސް ކިތަންމެ ރުޅިއަޔަސް ތިން މީހުން ވެސް މުންޑު އަނދެގެން ތިބީ ގޭގައި ކަމަށް ވިދާޅުވެފަ އެވެ.
"ލޫކަސް ކިތަންމެ ރުޅިއަޔަސް މި ތިން މީހުން މިތިބީ މުންޑު އަނދެގެން ގޭގައި އިނގޭތޯ. އެހެންވީމަ އަނެއްކާވެސް ލޫކަސް ރުޅި އަންނަންވީ،" ޔާމީން ވިދާޅުވި އެވެ.