Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

އިތުރު 140 ފުލުހަކު ތަމްރީނުވެއްޖެ

އިތުރު 140 ފުލުހަކު ތަމްރީނުވެ ދަސްވެނިއްޖެ އެވެ.

އައްޑޫ ޕޮލިސް ކޮލެޖްގައި ރޭ ވަނީ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން ބާއްވައި ބައިވެރިންނަށް ސެޓްފިކެޓް ދީފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ.

ރޭގެ ރަސްމިއްޔާތުގައި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 140 ދަސްވެނިވިފައިވެ އެވެ. އޭގެ ތެެރޭގައި ހިމެނެނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުންނެވެ. ފުލުހުން ބުނި ގޮތުގައި އަސާސީ ތަމްރީނު ކޯސް ފެށި އިރު 158 ބައިވެރިން ތިއްބެވެ.

ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯސް މިި އަހަރުގެ ފެބްރުއަރީ 15 ގަ އެވެ.

ރޭގެ ރަސްމިއްޔާތުގައި، ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ މިނިސްޓަރު އިހްސާނާއި ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދުގެ އިތުރުން ޑެޕިއުޓީ ފަރުޙާދު ފިކުރީއެވެ.

ކޮމިޝަނާސް އެކްސެލެންސް އެވޯޑް އާއި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް އިރްފާހެވެ. މީގެ އިތުރުން، އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް ރާކިން އަޙްމަދު ހޮވުނު އިރު، އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޙުސައިން ރިފްޝާން ޢަލީ އެވެ.

ކޯހުގެ ސްކޮޑްތަކުން އެންމެ މޮޅު ދަރިވަރަކަށް އައިނެއްލާ ސްކޮޑުން އަޙްމަދު ޒައިން އަމްޖަދު ހޮވުނު އިރު، ބީފާން ސްކޮޑުން ކޮންސްޓަބަލް ރާކިން އަޙްމަދު، ހާޖީ ސްކޮޑުން ކޮންސްޓަބަލް އިބްރާހީމް އިރްފާހް، އަދި ރަންވިއްކާ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އަޙްމަދު ޝިޒާނެވެ.

މުޅި ކޯހުގެ ހުރިހާގޮތަކުން އެންމެ މޮޅު ސްކޮޑަކަށް ހޮވިފފައިވަނީ އައިނެއްލާ ސްކޮޑެވެ. އައިނެއްލާ ސްކޮޑަށް ޝިލްޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.