Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

ހދ. ރަށްތަކުން ބޯޑެއް އެކުލަވާލަން ނިންމައިފި

ހދ. އަތޮޅުގެ ރަށްތަކާ ގުޅިގެން މަސައްކަތް ކުރަން ހާއްސަ ބޯޑެއް އުފެއްދުމާ ބެހޭ ގޮތުން ކުޅުދުފުއްފުށީ ސިޓީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.

އެ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް އިއްޔެ ހދ. އަތޮޅުގެ ރަށްރަށުގެ ރައީސުންނާއި އޮންލައިންކޮށް މިކަމާ ގުޅޭ ގޮތުން ބައްދަ ވެސް ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ހދ. ކުމުންދޫ، ނޮޅިވަރަން، ނޮޅިވަރަންފަރު، ވައިކަރަދޫ، ނޭކުރެންދޫ، ފިނޭ، ކުރިނބީ، ނައިވާދޫ އަދި ނެއްލައިދޫ ކައުންސިލްތަކުގެ ރައީސުން ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމުގައި ރަށްރަށުގެ ރައީސުން އެކަކު އަނެކަކަށް ތަޢާރަފްވެ، އަތޮޅުގެ ރަށްތައް ގުޅިގެން މަސައްކަތްކުރުމަށް އެކަށޭނެ ޕްލެޓްފޯމެއް ޤާއިމުކުރުމާއި، އެކުގައި ކުރެވިދާނެ މަސައްކަތްތަކާއި ބޭހޭ ގޮތުން ހިޔާލު ހޯދައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުންޏެވެ.

އެ ބައްދަލުވުމުގައި މޭޔަރުގެ ހުށަހެޅުމަށް ހުރިހާ ރަށެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން ވެސް ތާއީދު ކުރައްވައި އަތޮޅުގެ ތަރައްޤީއާއި ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުމަށް، ހދ. އަތޮޅުގެ ރަށްތައް ތަމްސީލު ވާނޭހެން، ބޯޑެއް އުފެއްދުމަށް ނިންމާފައިވެ އެވެ. އަދި އެ ބޯޑުގެ މަޤުސަދުތައް ކަނޑައަޅައި މަސައްކަތްކުރާނެ ގޮތުގެ އުސޫލެއް މި މަހުގެ 15 ގެ ކުރިން އެކުލަވާލުމަށް ނިންމާފައިވެ އެވެ.

މިއީ އަތޮޅު ކައުންސިލްތައް މިހާރު އުވާލާފައިވާތީ އެކަމާ ގުޅިގެން ހދ. އަތޮޅުތަކުގެ ރަށްތަކުގެ ހިންގުން ހަރުދަނާ ކުރަން ނިންމި ކަމެކެވެ.