މަސްތުވާތެކެތީގެ މައްސަލަތަކުގައި ފުލުހުންގެ ތެރޭގައި މީގެ ކުރިން ހުރި ނޭދެވޭ ނުފޫޒުތައް ނައްތާލެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ދަ ޕަލްސް"ގެ ތިން ވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ފުލުހުންގެ އިދާރާ ދިރާސާކުރެއްވި އިރު، މަސްތުވާތަކެތި މަނާކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި އެކި ކަހަލަ ނުފޫޒުތައް އޮތްކަން ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު ފުލުހުންގެ ހިދުމަތް ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި، އެ ހިދުމަތުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައިގައި މަސައްްކަތް ކުރުމަށް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި މަސައްކަތްތައް ކުރާ މައިގަނޑު ސަބަބު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"މިސާލަކަށް ރޭޑުކޮށްގެން މި ހޯދާ ތަކެތި އަނެއްކާވެސް އަނބުރާ މުޖުތަމައަށް ދިޔުމާއި، ނުބައި ނުފޫޒުތައް ވެސް ހުރި، އެ ކަންކަން ވެސް އެ ވަކިތައް ވެސް ނައްތާލައި، އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާތެރޭގައި މިހާރު ވަރަށް ނީވޭނެ މި ދެންނެވި ނުބައި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގް ކުށްތަކުގެ އެފަދަ ކުށްތަކުގައި މަރުވާ މީހުންގެ އަދަދު ވެސް މިހާރު މަދުކުރެވިފައިވާ ކަމަށެވެ.
ރައީސް ވަނީ، އެންމެން ގުޅިގެން ކުރާ މަސައްކަތުން މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ފާޅުކުރައްވައިފަ އެވެ. އަދި މި ސަރުކާރުން މަސްތުވާތަކެއްޗާ މެދު ގެންގުޅެނީ، ވަށާޖެހޭ ގޮތަކަށް އެ މައްސަލަ ހައްލުކުރުގެ ސިޔާސަތެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގައި ރަނގަޅު ޙައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރެއްވި އެވެ. އެކަމަކީ ވަރަށް ޚަރަދު ބޮޑު ކަމެއް ނަމަވެސް، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ހިއްކާ ބިމުގެ އިތުރަށް އުތުރުތިލަފަޅުގެ ވަކި ސަރަޙައްދެއް ކަނޑައަޅައިގެން އެތަނުގައި މި މަޝްރޫޢު ހިންގުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.