Last Updated: July 3, 23:06
Friday, July 3, 2026
މުނިފޫހިފިލުވުން

އާމިރާއި އަޝުތޯޝްގެ ފިލްމަކީ 'ލަލްކާރް'

އާމިރާއި އަޝުތޯޝް.

ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ލަގާން' ގެ ޑައިރެކްްޓަރު އަޝުތޯޝް ގޮވަރިކާއާ އެކު އޭނަ މަސައްކަތް ކުރަން ހަމަޖެހިފައިވާ ދެވަނަ ފިލްމުގެ ނަމަކީ 'ލަލްކާރު' ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ލެޖެންޑެއް ކަމަށްވާ ލާލާ އަމަރުނާތަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. އާމިރުގެ ކުންފުނި، އާމިރު ޚާން ޕްރޮޑަކްޝަނާއި ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން ފަށަން ރާވާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން 'ލަލްކާރް' ގައި އާމިރާ އެކު ފަރުހާން ވެސް މުހިއްމު ރޯލެއް ކުޅޭނެ އެވެ. އެކަމަކު މި ފިލްމު އަދި ރަސްމީކޮށް އިއުލާން ނުކުރާތީ އެކަން އަދި ކަށަވަރެއް ނުވެ އެވެ.

'ލަލްކާރް' ގެ ސްކްރީންްލޭ ލިޔެފައި ވަނީ އާމިރުގެ ވަރަށް ކާމިޔާބު ދެ ފިލްމެއް ކަމަށްވާ '3 އިޑިއަޓްސް' އާއި 'ޕީކޭ' ގެ ޑައިރެކްޓްކުރި ރާޖްކުމާރު ހިރާނީ އާއި އޭނަ ރައިޓިން ޕާޓްނަރު އަބިޖާތު ޖޯޝީ އެވެ.

'ލަގާން' އަށް 25 އަހަރު ފަހުން އަޝުތޯޝް، އާމިރާ އެކު ފިލްމެއް ހަދަން ތައްޔާރީތައްވަމުން އަންނަ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2019 ގައި އަރުޖުން ކަޕޫރާއި ކްރިތީ ސެނަންއާ އެކު ގެނެސްދިން ޕީރިއަޑް ޑްރާމާ 'ޕާނިޕަތު' އެވެ.

އާމިރު، 61، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި 'ސިތާރޭ ޒަމީން ޕަރް' އެވެ.