Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

ސަރުކާރު މުވައްޒަފުންނަށް 30 މިނިޓް ބަފާ ޓައިމް!

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވާ ހާލަތެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނެޓުގެ ބަފާ ޓައިމެއް ލިބޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.

ގަވައިދަށް ގެނައި މި ބަދަލުގައިވާ ގޮތުން ބަފާ ޓައިމް ގެ ގޮތުގައި ބުނެފައި ވަނީ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ރަސްމީ މަސައްކަތު ވަގުތު ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެއް ކަމަށެވެ. އެގޮތުން ކޮންމެ މުވައްޒަފަކަށް ވެސް ރަސްމީ މަސައްކަތު ގަޑިން ފެށިގެން ބަފާ ޓައިމްގެ ގޮތުގައި 30 މިނެޓު ލިބޭނެ އެވެ.

އެ ވަގުތިހެ ތެރޭގައި ހާޒިރުވާ ނަމަ އެކަމުގެ ސަބަބު ބަޔާންކޮށް އެ އިދާރާއެއްގެ އެޗްއާރް ސެކްޝަނަށް އަންގަން ޖެހޭނެ އެވެ.

ނަމަވެސް ބަފާ ޓައިމްގެ ގޮތުގައި ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވެއްޖެ ނަމަ އެ މުވައްޒަފަކު ގަޑި ޖެހުނުކަމަށް ބަލާނެ ކަމަށް ވެސް ސިވިލް ސާވިސް ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.

ބަފާ ޓައިމްގެ 30 މިނެޓް ކަނޑައަޅާ އެ ވަގުތުގެ ތެރޭގައި އޮފީހަށް ހާޒިރުވި ވަގުތަށް ބަލާ، އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކުރަން ވެސް ގަވައިިދުގައި ހިމަނާފައޮވެ އެވެ. އެގޮތުން އެ މުވައްޒަފަކު އޮފީހަށް ދާން ޖެހޭ ވަގުތަކީ ހެނދުނު 08:00 ޖަހާއިރު ކަމަށްވެފައި އެ މުވައްޒަފު އޮފީހަށް ހާޒިރުވީ 08:20 ގައި ނަމަ އޭނާގެ އޮފީސް މަސައްކަތް އެ ދުވަހަކު ނިމޭނީ މެންދުރު ފަހު 02:20 ގަ އެވެ.