ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތައް، ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑުކޮށް ވިއްކާ ވިޔަފާރިވެރިންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ގދ. ގައްދޫ ކައުންސިލުން ދީފި އެވެ.
ގައްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިކޮނޮމިކް މިނިސްޓްރީން ވަކި އަގުތަކެއް ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް އެ ރަށުގެ ބައެއް ފިހާރަތަކުން ބޮޑު އަގުގައި ވިއްކަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިއީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގަވައިދާ ހިލާފު އަމަލެއްކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މުދާ ގަންނަ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމާ ބެހޭ ގަވައިދާ ހަވާލަދީ ކައުންސިލުން ބުނީ، ކާޑުގެ ބާވަތްތައް ޕެކެޓުކޮށްގެން ވިއްކިދާނެއެވެ. އެކަމަކު، މިނިސްޓްރީގެ އަގަށްވުރެ ބޮޑުކޮށް ވިއްކޭނީ ޕެކެޓު ކުރުމަށް ހިނގާ ޚަރަދު ލިޔުމަކުން މިނިސްޓްރީއަށް ހުށަހަޅައިގެން އެ ހުއްދަ ލިބުމުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އެ އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީއަށް ރިޕޯޓުކުރާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ގަވައިދާ ހިލާފުވާ ވިޔަފާރިތައް ފުރަތަމަ ފަހަރު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި، އެކަން ތަކުރާރުކުރާ ނަމަ، ހަ މަސް ދުވަހުގެ މުއްދަތަށް އެ ވިޔަފާރިއެއް ބަންދުކުރުމުގެ ބާރު މިނިސްޓްރީއަށް އޮންނަކަމަށް ކައުންސިލުން ބުނެފައިވެއެވެ.