ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، އިންތިހާބުވި ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ހުސްވެއްޖެ ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފ އެވެ.
ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ޝުޖާއު ޢަލީ އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ އެވެ. ނަމަވެސް، ކައުންސިލްގެ އާ ދައުރު ފެށުނު ފަހުން، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އޭނާ އެމްޑީޕީއަށް ސޮއިކޮށް، އެ ޕާޓީގެ ދަފުތަރުގައި ވަނީ ހިމެނިފަ އެވެ.
މިކަމާ ގުޅިގެން އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު، މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވ.ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވުމަށްފަހު ދައުރު ފެށުނުފަހުން އިންތިހާބުވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އިލެކްޝަން ކޮމިޝަންގައި ދަފްތަރުވެފައިވާކަން އަންގާފައިވާކަމަށެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ށ)ގެ ދަށުން ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާތީ، އޭނާ އެ މަގާމުން ވަކި ވެއްޖެކަމަށް އެލްޖީއޭއިން ވަނީ ކަނޑައަޅާފަ އެވެ. އަދި އެކަން އިލެކްޝަން ކޮމިޝަނަށް އެންގުމަށް އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
އިންތިހާބުވި ޕާޓީ ބަދަލުކުރުމުން ޝުޖާއުގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ކައުންސިލްގެ ނައިބު ރައީސްއާ ހަވާލުކުރުމަށް އެލްޖީއޭއިން އެންގީ ހުސްވި ޖޫންމަހުގެ ފަސް ވަނަ ދުވަހު އެވެ.