Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި ނިންމުން އަނބުރާ ގެންދޭ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، އިންތިހާބުވި ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ހުސްވެއްޖެ ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި ނިންމުން އަނބުރާ ގެނައުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައިފި އެވެ.

ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ޝުޖާއު ޢަލީ އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ އެވެ. ނަމަވެސް، ކައުންސިލްގެ އާ ދައުރު ފެށުނު ފަހުން، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އޭނާ އެމްޑީޕީއަށް ސޮއިކޮށް، އެ ޕާޓީގެ ދަފުތަރުގައި ވަނީ ހިމެނިފަ އެވެ.

މިކަމާ ގުޅިގެން އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު، މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވ.ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވުމަށްފަހު ދައުރު ފެށުނުފަހުން އިންތިހާބުވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އިލެކްޝަން ކޮމިޝަންގައި ދަފްތަރުވެފައިވާކަން އަންގާފައިވާކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ށ)ގެ ދަށުން ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާތީ، އޭނާ އެ މަގާމުން ވަކި ވެއްޖެކަމަށް އެލްޖީއޭއިން ވަނީ ކަނޑައަޅާފަ އެވެ. އަދި އެކަން އިލެކްޝަން ކޮމިޝަނަށް އެންގުމަށް އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ޝާހިދު ވިދާޅުވީ އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނޫންތޯ ކަނޑައަޅަން އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮންނަ ކަމަށާއި އެކަންކަން ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖަހައި، އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއިން އަންގާފައިވާ އެންގުން އަނބުރާ ގެންދަން ޖެހޭ. ގާނޫނުގެ ވެރިކަން ކުރަން ސަރުކާރުން ދަސްކުރަން ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

އިންތިހާބުވި ޕާޓީ ބަދަލުކުރުމުން ޝުޖާއުގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ކައުންސިލްގެ ނައިބު ރައީސްއާ ހަވާލުކުރުމަށް އެލްޖީއޭއިން އެންގީ ހުސްވި ޖޫންމަހުގެ ފަސް ވަނަ ދުވަހު އެވެ.