ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ފުރަތަމަ ފަހަރަށް މިސްރު ދަތުރުކުރި މޮޅު ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަކޮށްފި އެވެ.
ވޯލްޑް ކަޕްގެ ގަދަ 16 އަށް މިސްރު ފުރަތަމަ ފަހަރަށް ދަތުރުކުރީ ރޭ ޕެނަލްޓީގައި 4-2 އިން އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދުމަށްފަހު އެވެ.
މެޗަށްފަހު މިސްރުގެ ކޯޗު ހޮސާމް ހަސަން ބުނީ މި ކާމިޔާބީ ޚާއްޞަކުރަނީ މިސްރާއި ފަލަސްތީނުގެ ހިތްހެޔޮ، ރައްޔިތުންނަށް ކަމަށެވެ.
މިސްރުން ހޯދި ތާރީޚީ މޮޅަށްފަހު، ކޯޗު ޙަސަން އުފާފާޅުކުރީ މިސްރާއި ފަލަސްތީނުގެ ދިދަ ހިފައިގެންނެވެ. އަދި މިސްރުގެ ޓީމު އެކުގައި ވަނީ މާތްﷲ އަށް ޝުކުރުގެ ސަޖިދައެއް ވެސް ކޮށްފަ އެވެ.
މިސްރުގެ މި މޮޅާއެކު ފަލަސްތީނު ރައްޔިތުން ވެސް ވަނީ މަގުތަކަށް ނިކުމެ އުފާފާޅުކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.
ގަދަ 16 ގައި މިސްރު ބައްދަލުކުރާނީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ އާޖެންޓީނާއާ އެވެ.