Last Updated: July 5, 00:13
Saturday, July 4, 2026
ރިޕޯޓް

އެކްޓިވިސްޓަކަށް އީސީގެ ރިޔާސަތު ބެލެހެއްޓިދާނެތަ؟

ކޮންމެ ދިމިގްރާތީ ނިޒާމެއްގައި ވެސް، އެންމެ މުހިންމު މިނިވަން މުއައްސަސާތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން ހިމެނެ އެވެ. އިންތިޚާބީ ނިޒާމާ މެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ބިނާވެފައި ވަނީ، އެ ކޮމިޝަނުން އެއްވެސް ފަރާތަކަށް މަންފާވާނޭހެން އަމަލުނުކޮށް، ވަކިފަރާތަކަށް ނުޖެހި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރުމުގެ މައްޗަށެވެ.

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ރެޖިސްޓްރާގެ މަގާމާއި، އެ ޕާޓީގެ ސެނެޓު މެންބަރުކަމުގެ އިތުރުން އިންތިޚާބީ ކޮމިޓީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކީ، ސަރުކާރު ހިންގާ ޕާޓީއާ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ގުޅިފައިވާ ފަރާތެކެވެ. މިފަދަ ސިޔާސީ ފިކުރެއްގައި އިސްކޮށް އުޅުއްވި ބޭފުޅަކު އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް އައްޔަން ކުރުމުން، އެ ފަރާތަކީ މިނިވަން އަދި ވަކިފަރާތަކަށް ނުޖެހޭނެ ބޭފުޅެއްގެ ގޮތުގައި ބަލައިގަތުމާ މެދު ބުއްދީގެ ހަމައިން ސީރިއަސް ސުވާލުތަކެއް އުފެދެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމާއެކު، އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ކޮންމެ ފަރުދެއްގެވެސް އަމިއްލަ ނަޒާހަތްތެރިކަމަށް އިޙްތިރާމްކުރާ ހާލު، އިންތިޚާބީ މަރުހަލާތައް ބެލެހެއްޓުމުގެ މުހިންމު ޒިންމާ ސިޔާސީ ގޮތުން ގާތް ގުޅުންތަކެއް އޮތް ބޭފުޅަކާ ހަވާލުކުރުމަކީ، އިންތިޚާބުތަކުގެ ސައްހަކަމާއި މުއައްސަސާގެ މިނިވަންކަމާ މެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ކުޑަވެގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިއީ ސަރުކާރު ހިންގާ ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ "ސުޕަމެޖޯރިޓީ" އޮތުމުން ކުރިމަތިވާ ނުރައްކަލެވެ. ދައުލަތުގެ ބާރުތައް ވަކިވެފައި އޮންނަ ނިޒާމެއްގައި، އެކަށީގެންވާ "ޗެކްސް އެންޑް ބެލެންސް" ނުވަތަ ފާރަވެރިވުމުގެ ނިޒާމު ބަލިކަށިވުމުން، މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރުމުގައި އުސޫލުތަކަށްވުރެ ސިޔާސީ މަސްލަހަތު އިސްވެ، މަޖިލީހުގެ ޒިންމާދާރުކަން ކުޑަވުމުގެ ފުރުސަތު އޮވެއެވެ.

ދިމިގްރާތީ ނިޒާމެއްގެ ހަމަޖެހުން ބިނާވެފައިވަނީ ހަމައެކަނި ވެރިކަންކުރާ ފަރާތުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، ސިޔާސީ ހުރިހާ ފަރާތްތަކަކަށް އިތުބާރު ކުރެވޭ ފަދަ ވަރުގަދަ މުއައްސަސާތަކެއްގެ މައްޗަށެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސަކީ އޭނާގެ މިނިވަންކަމާ މެދު އެއްވެސް ޝައްކެއް ނެތް ފަރާތަކަށް ވާންޖެހެއެވެ. އެހެން ނޫންނަމަ، އެ ބޭފުޅެއްގެ އިރުޝާދުގެ ދަށުން ބާއްވާ ކޮންމެ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބެއް ކަމުގައި ވީނަމަވެސް، އެކަމާ މެދު ޝައްކުގެ ނަޒަރުން ބެލުމުގެ ފުރުސަތު އޮންނާނެއެވެ.

ދިމިގްރާތީ އުސޫލުތައް ދެމެހެއްޓުމަށްޓަކައި، ކަންކަން ހިނގާ ގޮތުގެ ހަގީގަތުގެ އިތުރުން، އެކަމެއް ފެންނަން އޮންނަ ގޮތުގައިވެސް ވަކިފަރާތަކަށް ނުޖެހޭކަމުގެ ސިފަ ހުރުން ކޮންމެހެން ބޭނުންތެރިއެވެ. ރައްޔިތުންގެ އިތުބާރަކީ ގެއްލިއްޖެނަމަ އަލުން ހޯދަން ނުހަނު އުނދަގޫ އެއްޗެކެވެ.