ޖަމްޢިއްޔަތުއްސަލަފުން ލ. މާވަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ، ކައުންސިލްގެ މެމްބަރު ފާޠިމަތު ޝެހެނާޒެވެ. ސަލަފްގެ ފަރާތުން ސޮއެކުރެއްވީ، ދަޢުވާ މެނޭޖަރު އެޓޯލް ޑިވިޝަން، ޝައިޚް މުޖުތަބާ ޙަމީދެވެ.
ދީނީ އިޖުތިމާޢީ އަދި އެހެނިހެން ދާއިރާތަކުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ކައުންސިލާ އެކު ސޮއެކުރި އެެއްބަސްވުމުގެ މުއްދަތަކީ 4 އަހަރެވެ.
މީގެ ދަށުން، ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އިޖުތިމާޢީ އެކިއެކި މަސައްކަތު ބައްދަލުވުންތައް ހިންގައިދިނުމާ، ކޮންމެ 3 މަހަކުން އެ ކައުންސިލާ ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ އެވެ.
އަދި ކައުންސިލުން އެދިއްޖެ ޙާލަތެއްގައި، ޝަރުޢީ ގޮތުން އެކި ކަންކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރީންގެ މަޖިލީސް މެދުވެރިކޮށް ލަފާއެރުވުން ވެސް އެއްބަސްވެވުނު ކަންކަމުގެ ތެރޭގައި ހިމެނެ އެވެ.
ސަލަފަކީ ދީނީ ހޭލުންތެރިކަން އުފައްދަން ރާއްޖޭގައި އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާ އެވެ.
މި ފަހުމުނާމާގައި ސޮއެކުރެވުނީ، މާވަށު ކައުންސިލާއި މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން މިހަފްތާގައި އެ ރަށުގައި ކުރިއަށްގެންދާ “ހަފްތާ ބަންދު ދަރުސް” ޕްރޮގްރާމުގެ ތެރެއިން، ރޭ، މާވަށު އިޖުތިމާޢީ މަރުކަޒުގައި، ޢާންމުންނަށް ހުޅުވާލައިގެން ބޭއްވި ޚާއްޞަ ދަރުހަށްފަހުއެވެ.