Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

މިނިވަން ދުވަހާ ގުޅުވައިގެން ފޮޓޯ/ކުރެހުމުގެ މުބާރާތެއް

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފޮޓޯގްރަފީ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައި ބާއްވާ ބައިވެރިވާން ހުޅުވާލައިފި އެވެ.

މި ދެ މުބާރާތަކީ ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކުރާ މުބާރާތްތަކެކެވެ.

މުބާރާތްތައް ބޭއްވުމުގެ މަގުސަދަކީ، ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކޮށް ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުގު އިތުރު ކުރުމެވެ. އަދި މިއީ މިނިވަންކަމުގެ މުހިންމުކަމާއި ޤައުމީ ގޮތުން ފާހަގަކުރެވޭ މުހިންމު ހާދިސާތަކުގެ ޒިކުރާ އާލާކޮށް، ދިރުވުމުގެ ރޫހުގައި ބާއްވާ މުބާރާތެއް ކަމަށް ވެސް އެންސީއޭ އިން ބުންޏެވެ.

ފޮޓޯގްރަފީ މުބާރާތް ހުޅުވާލާފައި ވަނީ 16 އަހަރުން މަތީގެ މީހުންނަށެވެ. ކުރެހުމުގެ މުބާރާތް ބާއްވަނީ ތިން އުމުރުފުރަައަށެވެ. އެއީ 10-15 އަހަރާ ދެމެދާއި 16-20 އަހަރާ ދެމެދުގެ އިތުރުން 21 އަހަރުން މައްޗަށެވެ.

މުބާރާތަށް ހުށަހަޅާ ފޮޓޯތަކާއި ކުރެެހުންތައް ހުށަހަޅަން ޖެެނީ މި މަހުގެ 16 ވަނަ ދުވަހު މެންދުރު ފަހު 1:30 ގެ ކުރިންނެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު މި ނަންބަރު 3336868 އިން ހޯދޭނެ އެވެ.

އެންސީއޭ އިން ބުނީ ދެ މުބާރާތަށް ހުށަޅާ ފޮޓޯތަކާއި ކުރެހުންޔައް ޖަޖްކޮށް ގަދަ ތިނެއް ހޮވައި ފައިސާގެ އިނާމު ވެސް ދޭނެ ކަމަށެވެ.

ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި 26 އެވެ. މި އަހަރަކޫ ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރޭ އަހަރެވެ. ރާއްޖެ އަށް މިނިވަންކަން ލިބުނީ 1965 ގަ އެވެ.