ޕްރިޔަދަރިޝަން ޑައިރެކްޓްކުރާ ގޮތަށް 'ވިކެޑް ސަނީ' ކިޔާ ކޮމެޑީއަކަށް އަކްޝާ ކުމާރު ސޮއިކޮށްފި އެވެ.
މި ފިލްމު ވާނީ މި ދެ މީހުން އެކީގައި މަސައްކަތްކުރާ 9 ވަނަ ފިލްމަށެވެ.
އަކްޝޭއާ އެކު ޕްރިޔަދަރުޝަން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ 'ބޫތު ބަނގްލާ' އެވެ. މި ދެ މީހުންގެ ކުރިއަށް އޮތް ފިލްމަކީ ސެޕްޓެމްބަރު 18 އަށް ތާވަލުކޮށްފައިވާ ތުރިލާ 'ހައިވާން' އެވެ. ކާސްޓްގައި ސައިފް އަލީ ޚާން ވެސް ހިމެނޭ އެ ފިލްމުގައި އަކްޝޭ ފެންނާނީ ނެގަޓިވް ރޯލަކުންނެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އަކްޝޭއާ އެކު ހަދަން ޕްރިޔަދަރުޝަން ތައްޔާރުވާ 'ވިކެޑް ސަނީ' އަކީ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް ފިން ހަދާ ފިލްމެއް ކަމަށެވެ. އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ ޑައިރެެކްޓަރު ޑޭވިޑް ދަވަންގެ ވަދާއީ ފިލްމުގެ ގޮތުގައި މިދިޔަ މަހު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ 'ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި 'ވިކެޑް ސަނީ' ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަކްޝޭ އާއި ޕްރިޔަދަރުޝަން އެކީގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި 2000 ވަނަ އަހަރުގެ 'ހީރާ ޕޭރީ' އާއި 2005 ގެ 'ގަރަމް މަަސާލާ' އާއި 2006 ގެ 'ބާގަމް ބާގް' އާއި 2007 ގެ 'ބޫލް ބުލައްޔާ' އާއި 2009 ގެ 'ދޭ ދަނާ ދަން' އަދި 2010 ގެ 'ކައްޓާ މީޓާ' ހިމެނެ އެވެ.
އަކްޝޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 26 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ އެޑްވެންޗާ ކޮމެޑީ 'ވެލްކަމް ޓު ދަ ޖަންގަލް' އެވެ.