ރިލީޒްކުރާނެ ތާރީހެއް އަދިވެސް ނުނިންމައި އޮތް ސަލްމާން ޚާންގެ އާ ފިލްމު 'މާތުރަބޫމީ: މޭ ވޯ ރެސްޓް އިން ޕީސް' އަށް ތާރީހެއް ކަނޑަނޭޅިގެން އުޅެނީ ސެންސަރު ބޯޑްގައި ފިލްމުގައި ތާށިވެފައި އޮތުމުން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަން ފިލްމުގެ ޓީމުން ދޮގުކޮށްފި އެވެ.
މި ފިލްމަކީ ސަލްމާންގެ ފިލްމު ކުންފުނި، އެސްކޭއެފަށް އަޕޫރްވާ ލާކިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
'މާތުރަބޫމީ' ސެންސަރު ބޯޑްގައި ތާށިވެފައި އޮތް ކަމަށް ބުނާތީ އެކަމާ ގުޅިގެން އެސްކޭއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފިލްމު މިހާތަނަށް ސެންޓްރަލް ބޯޑް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އަށް ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ. އެހެންވެ އެތަނުގައި ފިލްމު ތާށިވެފައި އޮތް ކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުންޏެވެ.
އެސްކޭއެފުން ވަނީ މީޑިއާތަކުންނާއި އެހެން ވެސް ފަރާތްތަކުން ސައްހަކަން ކަށަވަރު ނުވާ ވާހަކަތައް ނުފެތުރުމަށް އެދިފަ އެވެ. އަދި ފިލްމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެސްކޭއެފުން ހާމަކުރަމުން ދާނެ ކަމަށް ވެސް ބުންޏެވެ.
'މާތުރަބޫމީ' ކުރިން މިދިޔަ އެޕްރީލް މަހުގެ 17 ގައި ރިލީޒް ކުރަން ތާވަލުކޮށް، ފިލްމުގެ ޓީޒާއެއް ވެސް އާންމުކުރި އެވެ. ނަމަވެސް ފަހުން ފިލްމުގެ ބައެއް މަންޒަރުތަކަށް ބަދަލު ގެންނަން ޖެހިގެން ތާރީހެއް ނެތް ގޮތަށް ފިލްމު އޮތީ ފަސްކޮށްފަ އެވެ.
ސަލްމާން ސިފައިންގެ މީހެއްގެ ރޯލު ކުޅެފައިވާ 'މާތުރަބޫމީ' އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
މީގެ ކާސްޓްގައި ޗިތުރަންދަގާ ސިންގް އާއި އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ފަދަ ފަންނާނުން ހިމެނެ އެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ފިތުރު އީދުގައި ރިލީޒްކޮށް، ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު "ސިކަންދަރު" އެވެ.
އޭނަ މިހާރު އަންނަނީ ދިލް ރާޖޫ ޕްރޮޑިއުސްކޮށް، ވަމްޝީ ޕައިޑްޕައްލީ ޑައިރެކްޓްކުރާ އެކްޝަން ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ.