Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

ފައިނޭންޝަލް އެކްސްޕޯއިން 50،000ރ. ހޯދުމުގެ ފުރުސަތު

މާލީ ދާއިރާގެ އެކި އިދާރާތައް ބައިވެރިވާ ”މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026″ އަށް މިއަދު ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި އެކްސްޕޯ މިއަދު ނިމުމަކަށް އަންނައިރު، މި ފައިސާގެ އިނާމަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހުށަހަޅާފައިވާ އިނާމެކެވެ.

މި އެކްސްޕޯއަކީ ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި ރާއްޖޭގެ މާލީ ދާއިރާގެ ހުރިހާ ބައިވެރިން އެއް ތަނަކުން ބައްދަލުވާ ފުރަތަމަ ފަހަރެވެ. ރައީސް ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، މާލީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި މައުލޫމާތުތައް އޮޅުންފިލުއްވާފައެވެ.

މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ރެގިއުލޭޓަރީ އިދާރާތަކުގެ އިތުރުން މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާ އާންމުން ގުޅުވައިދިނުމެވެ. އެމްއެމްއޭއިން ވިދާޅުވި ގޮތުގައި މީގެ ސަބަބުން މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމާއި، އާ އީޖާދުތައް ދައްކާލުމުގެ އިތުރުން މާލީ ހިދުމަތްތައް އެންމެންނަށް ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

އާންމު ގޮތެއްގައި ބޭންކު އެކައުންޓް ހުޅުވުމާއި، ވިޔަފާރި ލޯނަށް އެދުމާއި، އިންޝުއަރެންސް ހިދުމަތްތަކާއި ޑިޖިޓަލް ޕޭމަންޓް ސިސްޓަމްތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ތަފާތު އެކި މަންސަތަކަށް ދާންޖެހުނު ނަމަވެސް، މި އެކްސްޕޯގެ ސަބަބުން މި ހުރިހާ މައުލޫމާތެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.

ޒިޔާރަތްކުރާ ފަރާތްތަކަށް ދާއިރާގެ މާހިރުންގެ އިރުޝާދު ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.