Last Updated: July 6, 00:30
Sunday, July 5, 2026
ކުޅިވަރު

ކުއާޓާގެ ފުރަތަމަ ޖާގަ މޮރޮކޯ އަށް

ކެނެޑާ 3-0 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގެ ފުރަތަމަ ޖާގަ މޮރޮކޯ އިން ހޯދައިފި އެވެ.

ކުއާޓާގައި މޮރޮކޯ ބައްދަލުކުރާނީ ގަދަ 16 ގައި މިރޭ ފްރާންސް އާއި ޕެރަގުއޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. މޮރޮކޯ ވަނީ އެންމެފަހުގެ ވޯލްޑް ކަޕްގެ ސެމީފައިނަލާ ހިސާބަށް ގޮސްފަ އެވެ. އެފަހަރު އެ ޓީމު ސެމީން ކެޓީ ފްރާންސާއި ބައްދަލުކޮށެވެ.

އެމެރިކާގެ ހޫސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ކެނެޑާއިން ވަނީ ރަނގަޅަށް ކުޅެ މޮރޮކޯގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން ޖޮނަތަން ޑޭވިޑާއި ޓަނީ އޮލުވާޝޭ ފޮނުވާލި ދެ ހަމަލާ ވެސް މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ ހުޝިޔާރުކަމާއެކު ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި މޮރޮކޯއަށް އެންމެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވާއިރު، އެޓީމުގެ ފޯވަޑް އިސްމާއިލް ސައިބާރީއަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ.

މޮރޮކޯއިން މި މެޗުގައި ޖެހި ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 50 ވަނަ މިނެޓްގަ އެވެ. އަޝްރަފް ހަކީމީ ދިން ޕާހަކުން ކެނެޑާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލަށް ވައްދާލައިގެން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަޒެއްދީން އުނާހީ އެވެ. މި ގޯލަށް ފަހު ކެނެޑާއިން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔައިރު، މެޗުގެ 82 ވަނަ މިނެޓްގައި އުފެއްދި ކައުންޓަ އެޓޭކެއްގައި މޮރޮކޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް އުނާހީ އެވެ.

މޮރޮކޯގެ ތިންވަނަ ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ ސުފިއާން ރަހީމީ އެވެ.