Last Updated: July 6, 00:30
Sunday, July 5, 2026
ކުޅިވަރު

ހާލަންޑް ހުއްޓުވަން ހާއްސަ ޕްލޭނެއް ނެތް: އެންޗެލޯޓީ

ނޯވޭގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް ހުއްޓުވަން ބްރެޒިލުން ވަކި ހާއްސަ ޕްލޭނެއް ނުގެންގުޅޭނެ ކަމަށް، ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ބްރެޒިލުން މިރޭ ނޯވޭއާ ދެކޮޅަށް ނިކުންނާނެ އެވެ. ބްރެޒިލާއި ކުރިމަތިލާއިރު ހާލަންޑް ހުރީ ރަނގަޅު ފޯމެއްގައި ކަމަށްވާއިރު، އޭނާ ވަނީ މި މުބާރާތުގައި މިހާތަނަށް ފަސް ގޯލު ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ ހާލަންޑް ހުއްޓުވަން ވަކި ހާއްސަ ޕްލޭނެއް ނުގެންގުޅޭ ކަމަށާއި ބްރެޒިލް ޓީމުގައި ހާލަންޑާއި ދެކޮޅަށް އެތައް ފަހަރެއްގެ މަތިން ކުޅެފައިވާ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެހެންކަމުން ހާލަންޑް ހުއްޓުވަން ކަންކުރަންވީ ގޮތް ޓީމުގެ ޑިފެންޑަރުންނަށް ބުނެދޭން ނުޖެހޭނެ ކަމަށާއި ބްރެޒިލުން މި މެޗަށް ތައްޔާރުވަނީ މުޅި ނޯވޭ ޓީމަށް ވިސްނައިގެން ކަމަށް އެންޗެލޯޓީ ބުންޏެވެ.

ނޯވޭ އަކީ ވަރަށް ރޭވުންތެރިކަމާއެކު ކުޅޭ ޓީމެއް ކަމަށާއި ބްރެޒިލުން އެ ޓީމުގެ އެންމެ ބަރާބަރު ލެވެލްގައި މިރޭ ކުޅެންޖެހޭ ކަމަށް އެންޗެލޯޓީ ބުންޏެވެ. އަދި ޖަޕާން މެޗަށްފަހު ޓީމުގެ އިތުބާރު ވެސް ބޮޑުވެފައިވާ ކަމަށާއި އަދިވެސް ޓީމަށް ރަނގަޅު ކުރެވިދާނެ ކަންކަން ވެސް އެބަހުރިކަން ކޯޗު ފާހަގަކުރި އެވެ.

މީގެއިތުރުން އެންޗެލޯޓީ ވަނީ މިރޭގެ މެޗުގެ ކޮންމެވެސް ހިސާބަކުން ނޭމާ ވެސް ފެނިދާނެ އިޝާރާތެއް ވެސް ދީފަ އެވެ. އެންމެފަހުން ބްރެޒިލުން ޖަޕާނުގެ މައްޗަށް ކުރި ހޯދި މެޗުގައި ނޭމާ ކުޅެން އަރުވާފައެއް ނުވެ އެވެ.

ބްރެޒިލް އާއި ނޯވޭ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން ދަންވަރު 1 ޖަހާއިރު އެވެ.