Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ފަށާ ތައުލީމު މަރުހަލާގެ ފޮތް ސެޓެއް ނެރެފި

ފަށާ ތައުލީމު މަރުހަލާގެ ފޮތް ސެޓެއް ނެރެފި އެވެ.

މިފޮތް ސެޓް ނެރެދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ޑރ ޝަހީމް އަކީ މިމަޝްރޫގެ މަސްޢޫލުވެރިޔާވެސް މެއެވެ.

ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މިއީ ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ ތައުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ. މިއީ 2021 ގައި ފެށި މަޝްރޫޢެއް ކަމަށާއި 65 ފޮތް ހިމެނޭ މި މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްޖޭޖީ، ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭ ކަމަށެވެ.

މި މަރުޙަލާތަކުގައި ޤައުމީ މަންހަޖުގައި ހިމެނޭ ހުރިގައި މާއްދާތަކެއްގެ ފޮތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤައި ޢަރަބި މާއްދާއެއް ވެސް ހިމެނޭނެ ކަމުގައި ވަޒީރު ވިދާޅުވި އެވެ.

މި މަޝްރޫޢު އެކުލަވައިލުމުގެ މަޤްސަދަކީ އިސްލާމީ ފަލްސަފާގެ މައްޗަށް ފައުންޑޭޝަން ސްޓަޑީސް މަރުޙަލާގެ ފޮތްތަކެއް ނެރުމެވެ. އެގޮތުން މިހާރު ނެރެފައިވަނީ ބޭބީ ނާސަރީގެ 16 ފޮތެވެ. ބާކީ 49 ފޮތް ނެރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ހުރިހައި ފޮތެއްވެސް ވަނީ ލިޔެ ނިމިފައެވެ.

މި މަޝްރޫޢަށް މާލީ އެހީތެރިކަން ދެއްވަން ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު އެބަ އޮތެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ނެރެވޭ ފުރަތަމަ ފޮތް ސެޓެވެ.

މި ފޮތްތައް އެކުލަވައިލެވިފައިވަނީ ބެލެނިވެރިންނަށް ވެސް ގޭގައި ދަރީންނަށް ކިޔަވައި ދެވޭ ގޮތަށާއި ފައުންޑޭޝަން މަރުހަލާގައި ޕްރީ ސްކޫލުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށެވެ.