ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސެކިއުރިޓީ ފާސްތައް އުސޫލުން ބޭރުން ބޭނުންކުރާ މުވައްޒަފުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދީފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންނާއި ކަމާބެހޭ އިދާރާތަކަށް ފޮނުވި އެ ކުންފުނިން ފޮނުވި ސާކިއުލާއެއްގައި ބުނީ، އެއާޕޯޓް ސެކިއުރިޓީ ފާހަކީ ހަމައެކަނި ރަސްމީ ޑިއުޓީގެ ބޭނުމަށް ވަކި ސަރަހައްދުތަކަކަށް ވަނުމަށް ދޫކުރާ އެއްޗެއް ކަމަށެވެ.
ނަމަވެސް، ބައެއް މުވައްޒަފުން އޮޕަރޭޝަނަލް ބޭނުމަކާ ނުލައި ފަސިންޖަރުންގެ ފޮށިތައް ނަގާ ސަރަހައްދަށާއި ކަސްޓަމްސް އޭރިއާއަށް ވަދެ، ފަސިންޖަރުންނާ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެހެންވެ އަމަލުތަކުގެ ސަބަބުން ވައިގެ ބަނދަރުގެ ރައްކާތެރިކަމަށް ބުރޫ އަރައި، އޭވިއޭޝަން ސެކިއުރިޓީއަށް ނުރައްކާވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މީގެ ސަބަބުން އެއާޕޯޓާއި ކަސްޓަމްސްގެ ދުވަހީ މަސައްކަތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް ބުންޏެވެ.
އެމްއޭސީއެލުން އުސޫލުތަކާ ހިލާފުވާ މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސް އަތުލުން ނުވަތަ ކެންސަލް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެެވެ. އެހެންވެ ހާއްސަ ހުއްދައެއް ނެތި ކަސްޓަމްސް ސަރަހައްދަށް ނުވަނުމަށާއި، މަސައްކަތުގެ ޒިންމާއެއް އޮވެގެން ނޫނީ ފަސިންޖަރުންނާ ވާހަކަ ނުދެއްކުމަށް އަންގާފައިވެ އެވެ.
އެމްއޭސީއެލުން ބުނީ ވީއައިއޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ ސެކިއުރިޓީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އަމަލުކުރުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރާ ކަމަށެވެ.