Last Updated: July 6, 00:30
Sunday, July 5, 2026
މުނިފޫހިފިލުވުން

'އަލްފާ' ގެ ވިޔަފާރި އަންނަނީ ރަނގަޅުވަމުން

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު 'އަލްފާ' އަށް ކްރިޓިކުން ވަރަށް ބޮޑަށް ފާޑުކީ ނަމަވެސް ފިލްމުގެ ވިޔަފާވެރި ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ މި ފިލްމަކީ ބަތަލާއިންތަކެއް ލީޑްކުރާ ފިލްމެކެވެ. 'އަލްފާ' ގެ ލީޑް ތަރިންނަކީ އާލިއާ ބަޓާއި ޝަރްވާރީ ވާގެވެ. އެ ދެ ތަރިން ވަރުގަދަ އެކްޝަން ރޯލުތަކެއް ކުޅެފައިވާ ފިލްމުގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.

'އަލްފާ' ގެ ޑައިރެކްޓަރަކީ އަލަށް ފީޗާ ފިލްމެއް ގެނެސްދިން ޒުވާން ޑައިރެކްޓަރު ޝިވް ރަވައިލެވެ.

މި ފިލްމަށް ކްރިޓިކުން ވަރަށް ބޮޑަށް ފާޑުކިޔައި މިއީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ އެންމެ ފީކަޅާ ފިލްމަ ކަމަށް ބުނެފައިވެ އެވެ. އަދި 'އަލްފާ' ގެ އެންމެ ބޮޑު މައްސަލަ އަކީ ޝައުގުވެރިކަން އުފައްދައިދޭ ކަހަލަ ޕްލޮޓެއް ނެތުން ކަމަށާއި ފިލްމުގެ ސްކްރީންލޭ ވަރަށް ވަނދު ކަމަށް ކްރިޓިކުން ބުނެފައިވެ އެވެ.

'އަލްފާ' އަށް ގިނަ ކްރިޓިކުން ދީފައި ވަނީ ވެސް ވަރަށް ދަށް ރޭޓިންއެކެވެ. އެގޮތުން ބައެއް ކްރިޓިކުން ފަސް ތަރިން އެންމެ ތަރީއެއް އަދި ދޮޅު ތަރީގެ ރޭޓިންއެއް ދީފައިވާކަން ފާހަގަކޮށްލެވެ އެވެ.

ނަމަވެސް ހަގީގަތަކީ ކްރިޓިކުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކާ އެކު ވެސް ބޮކްސް އޮފީހުގައި ފިލްމަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަކަމެވެ. ފުރަތަމަ ދުވަހު 'އަލްފާ' އަށް އާމްދަނީގެ ގޮތުގައި ފުރަތަމަ ދުވަހު އިންޑިއާ އިން އެކަނި 15 ކްރޯޑް ރުޕީސް (2 މިލިއަން ޑޮލަރު) ލިބުނު އިރު، އިއްޔެއާ ހަމައަށް އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން 'އަލްފާ' އަށް ޖުމްލަ 31.47 ކްރޯޑް ރުޕީސް (3.3 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

ފިލްމު ހަދާފައި ވަނީ 100 ކްރޯޑް ރުޕީސް (11 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ބޮކްސް އޮފީހުގެ ވިޔަފާރިތައް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން 'އަލްފާ' އަށް ލިބެމުން އަންނަ ތަރުހީބަށް ބަލާ އިރު، ފިލްމު ހަދަން ހޭދަކުރި ހަރަދު ފޫބެއްދުމުގެ ފުރުސަތު ވެސް ބޮޑެވެ.

ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ އެހެން ފިލްމުތަކަކީ ސަލްމާން ޚާންގެ 'ޓައިގާ' ފްރެންޗައިޒާއި ރިތިކް ރޯޝަންގެ 'ވޯ' ފްރެންޗައިޒްގެ އިތުރުން ޝާހްރުކް ޚާންގެ 'ޕަތާން' އެވެ. މިދިޔަ އަހަރު ރިލީޒްކުރި 'ވޯ 2' އަކީ ވެސް ފިނި ތަރުހީބެއް ލިބުނު ފިލްމެކެވެ. އެހެންވެ ފިލްމު ހަދަން ކުރި ހަރަދު ވެސް ލިބިފައެއް ނުވެ އެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރި 'ވޯ 2' ގެ ބަޖެޓަކީ 400 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) އެވެ. އެކަމަކު ފިލްމަށް ލިބުނީ 369 ކްރޯޑް ރުޕީސް (39 މިލިއަން ޑޮލަރު) އެވެ.