Last Updated: July 6, 00:30
Sunday, July 5, 2026
ދުނިޔެ

ޚާމަނާއީގެ ޖަނާޒާ: ސައުދީގެ ބައިވެރިވުމާއި ސިޔާސީ ހަގީގަތް

ތެހެރާނުގައި އިއްޔެ ބޭއްވި އާޔަތު ﷲ ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރުގެ ނައިބު ވަލީދު އަލް ޚުރައިޖީ އިސްކޮށް ހުންނެވި ވަފުދެއް ފޮނުއްވުމަކީ ހަމައެކަނި އިހުތިރާމް އަދާކުރުމުގެ އަމަލެއް ނޫނެވެ. އެއީ ސަރަހައްދީ ބާރެއްގެ ހައިސިއްޔަތުން، ޖިއޮޕޮލިޓިކަލް މަސްލަހަތުތަކަށް ރިއާޔަތްކޮށް ސައުދީން ނިންމި ސާފު އަދި ސިޔާސީ ގޮތުން ވަރުގަދަ ނިންމުމެކެވެ.

ސައުދީ އަރަބިއްޔާގެ ތާރީޚީ ފަސްމަންޒަރަށް ރިއާޔަތްކުރާއިރު، މި ޖަނާޒާގައި ރިޔާޒުން ބައިވެރިވުމަކީ ސިޔާސީ ގޮތުން ނުހަނު މުހިންމު ނިންމުމެކެވެ. މީގެ ކުރިން އީރާނުގެ މިސައިލް ހަމަލާތައް ސައުދީގެ ބިމަށް އަމާޒުވެފައިވާއިރު، އޭގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ އެހީތެރިކަމާއެކު ގިނަ އަހަރުތަކެއް ވަންދެން ރައްކާތެރިކޮށްފައިވާ އިންފްރާސްޓްރަކްޗަރތައް ވެސް ހިމެނެއެވެ. އެހެންނަމަވެސް، މިއަދު ފެނިގެންދިޔައީ އެފަދަ ހަމަލާތަކެއް ފޮނުވާލި ގައުމުގެ ވެރިރަށަށް، ސައުދީގެ މަތީ ފަންތީގެ ވަފުދެއް ވަޑައިގެން އެ ގައުމުގެ ލީޑަރުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި ތާރީޚީ މަންޒަރެވެ.

ދައުލަތްތަކުގެ މެދުގައި ބޭއްވޭ މިފަދަ ޖަނާޒާތަކުގައި ބައިވެރިވަނީ ކޮން ފަންތިއެއްގެ ބޭފުޅުންނެއްތޯ ބެލުމަކީ ބައިނަލްއަގުވާމީ ގުޅުންތަކުގައި މުހިންމު މެސެޖެކެވެ. ރިޔާޒުން މި ދިން މެސެޖަކީ ތެހެރާނުގެ ސިޔާސީ ނިޒާމު ދެމިއޮތްކަމުގެ އިއުތިރާފެވެ.
ހުޅަނގުގެ ގައުމުތަކުން އީރާނާ ދެކޮޅަށް ހިންގި ވަރުގަދަ އަސްކަރީ އަދި އިގުތިސާދީ ކެމްޕޭންތަކަށް ފަހު ވެސް، އެ ގައުމުގެ ސަރުކާރު ނުވެއްޓި، މިސައިލް ޕްރޮގްރާމްތައް ހުއްޓުމެއްނެތި ކުރިއަށް ގޮސް، ސަރަހައްދީ އިއްތިހާދުތައް ވަނީ ވަރުގަދަވެފަ އެވެ. މިއީ ހަމައެކަނި ވަގުތީ ބަދަލެއް ނޫނެވެ. މިއީ މެދުއިރުމަތީގެ ބާރުތައް މިހާރު ތަރުތީބުވެފައިވާ ދާއިމީ ހަގީގަތެވެ.

ވޮޝިންޓަނަށް މި ހަގީގަތް ގަބޫލުކުރެވުމުގެ މާ ކުރިން ސައުދީން ވަނީ މިކަން ދެނެގަނެފައެވެ. ރިޔާޒުގެ މި "ޖަނާޒާ ޑިޕްލޮމެސީ" އިން ހާމަވަނީ ގަލްފުގެ ގައުމުތަކުން މިހާރު އެމެރިކާގެ އިޝާރާތަކަށް މަޑުކުރުމުގެ ބަދަލުގައި، އަމިއްލަ އިސްނެގުމަށް ސަރަހައްދީ ގުޅުންތައް ބަދަލުކުރަމުންދާ ކަމެވެ. ސައުދީ، ޔޫއޭއީ، ގަތަރު އަދި ކުވައިތުން މިހާރު މަސައްކަތް ކުރަނީ އަމިއްލަ ގައުމީ މަސްލަހަތުތަކަށް ބަލައިގެންނެވެ.

ބައިނަލްއަގުވާމީ ގޮތުން ދެވޭ ގަދަރާއި އިތުބާރަކީ ހަމައެކަނި އަޚްލާގީ އުސޫލުތަކަކަށް ދެވޭ އެއްޗެއް ނޫނެވެ. އެއީ ދަތިތަކާއި ޕްރެޝަރުތަކުގެ ކުރިމަތީގައި ސާބިތުވެ އޮތް ބާރަކަށް ދެވޭ އިއުތިރާފެކެވެ. އީރާނަށް 47 އަހަރުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކި ކަހަލަ ހަމަލާތައް އަމާޒުވިއިރުވެސް، އެ ގައުމުގެ ދައުލަތް ހިނގަމުންދާކަން ވަނީ ސާބިތުވެފައެވެ. ރިޔާޒަށް މި ހަގީގަތް ވަރަށް ސާފުކޮށް ވިސްނެއެވެ. ނަމަވެސް ވޮޝިންޓަނުން އަދިވެސް އީރާން އެކަހެރިވެފައިވާ ކަމަށް ބުނާ ބުނުމަކީ މިހާރު އޮތް ހަގީގީ މަސްރަހާ ވަރަށްދުރު ވާހަކައެކެވެ.

ނޯޓް:

އީރާނުގެ ރޫޙާނީ އިސްލީޑަރު އަލީ ޚާމަނާއީގެ ސަންދޯއްޕުޅުގެ އަރިހުގައި އިޙްތިރާމް އަދާކުރާ ކޮންމެ ވަފުދަކަށް، ކީރިތި ޤުރުއާނުގެ އާޔަތެއް ކިޔެވުން ހިމެނޭ ގޮތަށް ޚާއްޞަ އުސޫލެއް (ޕްރޮޓޮކޯލެއް) އެ ޤައުމުން ވަނީ އެކުލަވާލާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ރަސްމިއްޔާތުތަކުގައި ކިޔެވުމަށް ހަމަޖެހިފައިވާ އާޔަތްތަކަކީ ވަކި ތަރުތީބެއް ނެތި އިއްތިފާގުން ހޮވާލެވޭ އާޔަތްތަކެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ވަކި ޚާއްޞަ މާނަތަކެއް ދޭހަވާނޭހެން ވަރަށް ބޮޑަށް ބަލައި، ދުރާލައި އިޚްތިޔާރު ކުރެވިފައިވާ އާޔަތްތަކެކެވެ.

ސައުދީ ވަފުދަށް:

(ބަދުރު ހަނގުރާމައިގެ ދުވަހުގައި) ބައްދަލުވި ދެބައިމީހުން (ގެ ކަންތަކު) ގައި، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ޢިބްރަތެއްވެއެވެ. އެއްބަޔަކީ ﷲ ގެ މަގުގައި ހަނގުރާމަކުރާ ބަޔެކެވެ. އަނެއްބަޔަކީ ކާފިރު ބަޔެކެވެ.

އެއުރެންނަށް ލޮލަށް ސާފުކޮށް ފެންނަގޮތުގައި، މުސްލިމުން ފެންނަނީ، އެއުރެންގެ ދެގުނަޔަށެވެ. ﷲ އެކަލާނގެ ނަޞްރުން ވާގިދެއްވަނީ، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށެވެ. ހަމަކަށަވަރުން، އެކަމުގައި، ބުއްދީގެ އަހުލުވެރިންނަށް ޢިބްރަތެއްވާކަން ޔަޤީނެވެ. (އާލް އިމްރާން 13)

ޢިރާގުގެ ޓުރައިބަލް ޝޭހުންނަށް:

އޭ ނަބިއްޔާއެވެ! ކަލޭގެފާނު ﷲ އަށް ތަޤްވާވެރިވެވަޑައިގަންނަވާށެވެ! އަދި ކާފިރުންނާއި، މުނާފިޤުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ. (އަލް އަޚްޒާބް 1)

ތުރުކީ ވަފުދަށް:

މުއުމިނުންގެ ތެރެއިން (ޖިހާދު ނުކުރެވޭފަދަ) ޢުޛުރުތަކުގެ ވެރިން ފިޔަވައި، ހަނގުރާމަޔަށް ނުގޮސްތިބޭ މީހުން ﷲ ގެ މަގުގައި އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދު ކުރާ މީހުންނާ ހަމަހަމަ ވެގެނެއްނުވެތެވެ. އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދު ކުރާ މީހުން، ހަނގުރާމަޔަށް ނުގޮސްތިބޭ މީހުންނަށްވުރެން ދަރަޖައިގެގޮތުން ﷲ މާތްކުރައްވާފައިވެއެވެ. އެއިން ކޮންމެ ބަޔަކަށްމެ، ހެޔޮދަރުމަ ދެއްވުމަށް ﷲ ވަޢުދު ވެވޮޑިގެންފައިވެއެވެ. ހަނގުރާމަޔަށް ނުގޮސްތިބޭ މީހުންނަށްވުރެން ޖިހާދު ކުރާ މީހުން ބޮޑުވެގެންވާ ދަރުމަ ދެއްވުމަށް ﷲ މާތްކުރެއްވިއެވެ. (އައްނިސާ 95)

ލުބުނާން ސަރުކާރުގެ ވަފުދަށް:

އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ޤަތުލު ކުރާށޭ ނުވަތަ ތިޔަބައިމީހުންގެ ގޯތިގެދޮރުން ނުކުންނާށޭ އަންގަވައި، އެކަން އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ފަރުޟު ކުރެއްވިނަމަ، އޭގެތެރެއިން މަދުބަޔަކު މެނުވީ އެކަންތަކެއް ނުކުޅައީހެވެ. އަދި، އެއުރެންނަށް އެކަމާމެދު ވަޢުޡު އިއްވަވާ ކަންތައް އެއުރެން ކުޅަނަމަ، އެއުރެންނަށް ހެޔޮކަން މާބޮޑުވީހެވެ. އަދި، ޘާބިތުވެ ތިބުމުގައި ގަދަފަދަކަން ބޮޑުވީސްމެއެވެ. (އައްނިސާ 66)

ހިޒްބުއްލާހިގެ ވަފުދަށް:

ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެހީތެރިޔަކީ ﷲ އެވެ. އަދިއެކަލާނގެ ރަސޫލާއެވެ. އަދި އީމާން ވެގެންތިބި މީހުންނެވެ. އެއުރެންނީ ޚުޝޫޢުގައިތިބެ ނަމާދުކޮށް، އަދި ޒަކާތް ދޭ މީހުންނެވެ.
ﷲ އާއި، އެކަލާނގެ ރަސޫލާއާއި، އީމާން ވެގެންތިބި މީހުން އެއީ، އެހީތެރިންކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ﷲ ގެ ޖަމާޢަތެވެ. (އަލް މާއިދާ 55-56)

ޙަމާސްގެ ވަފުދަށް:

ﷲ އަށް އެއުރެން ޢަހުދު ވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުއުމިނުންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (ޝަހީދުވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (ޝަހީދު ވުމަށް) އިންތިޒާރު ކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ ޢަހުދަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ. (އަލް އަޙްޒާބު 23)

ފަލަސްތީނުގެ ވަފުދަށް:

އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (އަލް އިސްރާ 1)