Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

އައިޖީއެމްއެޗްގެ ހިތުގެ ހިދުމަތަށް 10 އަހަރު

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއެކް ސެންޓަރު (އެންސީސީ) އަށް 10 އަހަރު ފުރުން ފާހަގަކޮށްފި އެވެ.

އެކަން ފާހަގަ ކުރަން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދެވެ.

އައިޖީއެމްއެޗުގެ ނޭޝަނަލް ކާޑިއެކް ސެންޓަރުގައި ޚިދުމަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 1، 2016 ގަ އެވެ. އެހެންވެ މި މަހުގެ 1 އަށް ވަނި އެ ހިދުމަތަށް 10 އަހަރު ފުރިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ލޯގޯ ވެސް އިފްތިތާޙުކޮށްފައިވެ އެވެ.

އައިޖީއެމްއެޗްގެ ކާޑިއެކް ސެންޓަރުގައި 24 ގަޑިއިރު ޚިދުމަތް ދޭގޮތަށް، ހިތުގެ ބަލި ހުންނަ މީހުންނަށް ކުއްލި ޙާލަތުގައި ވަގުތުން ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ.

އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި ސެންޓަރު ހުޅުވިފަހުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުން ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ.

އެ ސެންޓަރުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ޓްރެޑްމިލް ޓެސްޓް (ޓީއެމްޓީ) ހެދުމާއި، އީސީޖީ ހެދުން އަދި އަލްޓްރާސޮނިކް ސައުންޑް ވޭވްސްގެ ޒަރިއްޔާއިން ހިތުގެ ހިނގުމާއި މަސައްކަތް ކުރާ ގޮތް ބެލުމަށް ހަދާ ޓްރާންސްއީސޮފޭގަލް އީކޯ ކާޑިއޮގްރާމް (ޓީއީއީ) ހެދުމާއި، ހިތާ ކައިރީގައިވާ ލޭހޮޅިތައް ހިނގަމުންދާ ގޮތް ބެލުމަށް ހަދާ އީކޯ ކާޑިއޯގްރާމް ޓެސްޓު ހެދުން ހިމެނެ އެވެ.