Last Updated: July 6, 00:30
Sunday, July 5, 2026
ދުނިޔެ

ޚާމަނާއީގެ ޖަނާޒާއާ ގުޅިގެން އެމެރިކާގެ އިންޒާރު

ޝަހީދު ސައްޔިދު ޢަލީ ޚާމަނާއީގެ ޖަނާޒާ ބޭއްވުނަ ނުދޭން އެމެރިކާއިން ލައްކަ މަސައްކަތްކުރިއެވެ. މިއީ، ވަރަށް ޝައުޤުވެރި ވާހަކައެކެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ 26 ޖޫންގައި ދުނިޔޭގައި ހުރި އެމެރިކާގެ ހުރިހާ ސާފާރާތަކަށް ސިއްރު ސިޓީތަކެއް ފޮނުވާފައިވެއެވެ. އެ ސިޓީތަކުގެ މަޤުޞަދަކީ، ދުނިޔޭގެ ޤައުމުތަކުން ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވުން ހުއްޓުވުމެވެ.

އެ ސިޓީތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަކީ ބޭރަޙުމަތްތެރި ކަމުގެ ޢަމަލެއްގެ ގޮތުގައި އެމެރިކާއިން ދެކޭނެއެވެ. އަދި، ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވާ ޤައުމުތަކަށް ދެގޮތަކުން އޭގެ މާއްދީ ނަތީޖާއާ ކުރިމަތިލާން ޖެހޭނެއެވެ.

މިވާހަކަ، އީރާނުގެ "ތަސްނީމް" ނޫސް އެޖެންސީއަށް ކިޔައިދިނީ އީރާނުގެ ޚާރިޖިއްޔާގެ އިސް އޮފިޝަލެކެވެ. ދެން ކަންތައްތައް ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ އެފްރިކާގައި، އެމެރިކާގެ ސަފީރުން ވަނީ، ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވާ ޤައުމުތަކުގެ ތަރައްޤީގެ ހުރިހާ އެހީތަކެއް ކަނޑާލާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ޢަރަބި އިސްލާމީ ފަސް ޤައުމެއްގެ ވެރިންނަށް ފޯނުން ގުޅައި، ޚާމަނާއީގެ ޖަނާޒާގައި ބައިވެރި ނުވުމަށް ވަނީ އަންގާފައެވެ. އެމެރިކާގެ ޙަޔާތް ކެނޑިފައިވާ ޑިޕްލޮމެސީގެ ނަތީޖާއަކީ ކޮބާ ހެއްޔެވެ؟

އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން 13 ޤައުމަކުން ވަނީ ޚާމަނާއީގެ ޖަނާޒާގައި ބައިވެރި ނުވާނެކަން އަންގާފައެވެ. އޭގެތެރޭގައި ހިމެނެނީ ހުޅަނގުގެ 3 ޤައުމާއި، އެފްރިކާގެ 5 ޤައުމަކާއި، ޤަލްފުގެ 2 ޤައުމަކާއި، ހުޅަނގު އޭޝިއާގެ 2 ޤައުމަކާއި، އަދި ދެކުނު އޭޝިޔާގެ 1 ޤައުމެވެ. ދެކުނު އޭޝިޔާއިން ޚާމަނާއީގެ ޖަނާޒާގައި ބައިވެރި ނުވަނީ ދިވެހިންގެ ރާއްޖެއިންނެވެ. ނިކަން ވިސްނާލަބަލާށެވެ. ޖަނާޒާއެއްގައި ބައިވެރިވުމުން، އެމެރިކާއިން ދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދެނީއެވެ. ބަޔަކު "ސިކް" ވާނީ މިހާކަށްހާ ވަރަށެވެ. ފޯނު ކުރަނީއެވެ. ސިއްރުން އިންޒާރުގެ ސިޓީބިޓީތައް ފޮނުވަނީއެވެ.

އެކަމަކު، އެ ހުރިހާ ބިރުދެއްކުމާއި، ފިއްތުންތަކާ އެކުވެސް، 13 ޤައުމެއް ފިޔަވައި، ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުން، ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވިއެވެ. ރަޝިޔާ، ޗައިނާ، ޕާކިސްތާން، ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، އަފްޣާނިސްތާން، އޮމާން އަދި ޢަރަބި އިސްލާމީ ޤައުމުތަކުގެ ވަފުދުތައް ބައިވެރިވިއެވެ. ޚާމަނާއީގެ ޖަނާޒާގެ ހާޒިރީއިން ދައްކުވައި ދިނީ ކޮން ކަމެއް ހެއްޔެވެ؟ މިއަދު، އެމެރިކާގެ ބިރު ދެއްކުމާއި، ފިއްތުންތަކުގެ ކުރިމަތީގައި މިނިވަން ޤައުމުތައް ކުޑަކަކޫ ނުޖަހާނެ ކަމެވެ. އެމެރިކާގެ ބަޑިބޭހުގެ ޑިޕްލޮމެސީ ވަނީ ފޭލިވެފައެވެ.

އެމެރިކާ އަކީ މިހާރު އެއްވެސް އަގެއް ހުރި ޤައުމެއް ނޫނެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުން އެމެރިކާއަށް ދިން މެސެޖަކީ، ތިމަންމެން އީރާނާއެކު ގުޅުން ބާއްވަން ބޭނުންވެއެވެ. އަޅުގަނޑުގެ އަޚު މުޙައްމަދު ނަސީރު ޢަލީ ލިޔުއްވާފައިވާ ފަދައިން "ރެކިފުތު ޖަހާހާ ފޮޑިއަކަށް ދުނިޔޭގެ ޤައުމުތަކުން މިހާރަކު ނުސިހޭނެއެވެ. ތިޔަ ފޮޑިއަކު މިހާރަކު ވަހެއް ނެތެވެ." ނެޕީ ޖަހައިގެން "ހުދު ކިއްލާގެ" އޯވަލް އޮފީހުގައި އޮވެ، ކިތަންމެ ވައްވަކެއް ޖެހިޔަސް ވަރިހަމައެވެ.

އީރާނުން، އެމެރިކާގެ ސިއްރު ސިޓީތަކާއި، ފޯނުކޯލުތަކުގެ މަޢުލޫމާތު ހާމަކޮށް ދުނިޔެއަށް އަންގައިދިނީ، އެމެރިކާ ވެއްޓިފައިވާ ޗަކަވަޅުގަނޑާއި، އެ ވަޅުގަނޑުން ދުވާ ނުބައި ކުނި ވަހެވެ. މިއީ، 250 އަހަރުވީ އެމެރިކާގެ ދިގު ތާރީޚުގައި، ޑިޕްލޮމެޓިކް ގޮތުން އެމެރިކާ އެންމެ ހުތުރުކޮށް އިނދަޖެހުނު ޖެހުމެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.