Last Updated: July 6, 00:30
Sunday, July 5, 2026
ޚަބަރު

ސެކިއުރިޓީ ކެނޑިޔަސް މުޒާހަރާތަކަށް ނުކުންނާނަން

ކުރީގެ ރައީސުން މުޒާހައަރާކަށް ވަޑައިގަންނަވާ ނަމަ އެ ވަގުތަކަށް ސެކިއުރިޓީ ކަނޑާލަން ނިންމި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް މުޒާހަރާތަކަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝީދުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ސެކިއުރިޓީ ކަނޑާލިޔަސް މުޒާހަރާއަށް ނުކުންނަވާނެ ކަމަށެވެ. އަދި އަމިއްލަ ސަލާމަތަށް ބެލެން ހުރި މިންވަރަކުން ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހިތެއް ނުބުނޭ އެއްވެސް ބޭފުޅަކު ރާއްޖޭގައި ހިތަށް އަރާފާނެ ކަމަށް އެގޮތަށް ބިރެއް ދައްކައިގެން އަޅުގަނޑު މަގުމައްޗަށް ނުނުކުމެ ހުރެދާނެ ކަމަށް. އެއީ އިރާދަކުރެއްވިއްޔާ އެކަން ހިނގާނެ ގޮތެއް ނޫން. އަޅުގަނޑު ނުކުންނާނަން،" ނަޝީދު ވިދާޅުވި އެވެ. "ދެން އަޅުގަނޑުމެންނަށް ބެލެން ހުރި މިންވަރަކަށް އަޅުގަނޑުމެން ބަލާނަން. އަޅުގަނޑުމެންނަށް ސަލާމަތްތެރިކަން ހޯދެން އޮތް މިންވަރަކަށް ހޯދާނަން."

އެ މަނިކުފާމު ވިދާޅުވީ، ސިޔާސީ ވެރިންނަށް ގިނަ ފަހަރު ހަމަލާ ދީފައި ހުރީ ސިޔާސީ އެއްވުންތަކުގައި ކަމަށެވެ. އެހެންވެ އެއްވުމަކަށް ވަޑައިގަންނަވާ ނަމަ ކުރީގެ ރައީސުންގެ ސެކިއުރިޓީ ކަނޑާލުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވާނެ ކަމަށް ނަޝީދު އެވެ.

"ސެކިއުރިޓީ ކަނޑާލިޔަކަސް ވެސް މުޒާހަރާއަށް ނުކުންނާނަން އެނގޭތޯ. އެއީ ގުޅުމެއް ހުރި ކަމެއްގެ ގޮތުގައި އެއްވެސް ބޭފުޅަކު ދެކެވަޑައިގެން ވެސް ނުވާނެ. އަޅުގަނޑުގެ ކަންބޮޑުވުމަކީ އަޅުގަނޑު މަރުވުން އެކަންޏެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. "ބައިވަރު މީހުންނަށް ގެއްލުން ލިބިދާނެ. މީކީއެއް ސަމާސައަކަށް، ސިޔާސީ ވިސްނުމުގައި ކުރާ ކަހަލަ ކަމެއް ނޫން."

ކުރީގެ ރައީސުންނަށް ސެކިއުރިޓީ ފޯރުކޮށް ދެމުން އަންނަނީ އެމްއެންޑީއެފުންނެވެ. މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ ކުރީގެ ރައީސުންނަށް ސެކިއުރިޓީ ކަނޑާލަން ނިންމީ ރައްޔިޔުންގެ މަޖިލީހުގެ 241 ކޮމިޓީންނެވެ.