ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަ ނެތި ވަތް ސްރީ ލަންކާގެ މަސްބޯޓެއް 600،000ރ، އިން ޖޫރިމަނާކޮށް، އެ ބޯޓު ދައުލަތަށް ނެގުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދަށް ވަތް މައްސަލައެކެވެ.
އެ މައްސަލައިގައި މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި ފައިސާ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ބޯޓުގެ ވެރިފަރާތަށް އަމުރުކޮށްފައިވެ އެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓްގައިވާ ގޮތުން އެ ބޯޓު ހިފެހެއްޓި އިރު އޭގެއިން ގިނަ އަދަދެއްގެ މަސް ވެސް ފެނިފައިވެއެވެ.
މި މައްސަލައިގެ ޝަރީއަތުގައި ބޯޓުގެ ވެރިފަރާތުން ބުނެފައި ވަނީ، ރާއްޖޭގެ ސަރަހައްދަށް ވަދެވުނީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުން ހުއްދަ ނެތި މަސްވެރިކަން ކޮށްފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ.