(ޖޫން 30 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
;އަސްމާއު; އާއި ;އަޙްކާމް; ގެ ބާބުގައި ހައްދުފަހަނަޅައި ދިއުމާއި އޭގެ ނަތީޖާ އަސްމާއު އާއި އަޙްކާމް އަކީ ކޮބައިތޯ؟
މި އިޞްޠިލާޙަކީ ސަލަފުއްޞާލިޙުންގެ ފުރަތަމަ ޖީލުގެ ބޭކަލުންގެ މެދުގައި މަޝްހޫރުވެފައިވާ ނަންތަކެއް ނޫނެވެ. އެހެންނަމަވެސް، އޭގެ މާނައާއި އޭގެ ދަށުން ހިމެނޭ ޙުކުމްތައް އެބޭކަލުންގެ މެދުގައި މަޢުލޫމާތު ކުރެވި، ޢަމަލުކުރެވެމުން އައިސްފައިވެއެވެ.
އަސްމާއު (ނަންތައް): މިއީ ދުނިޔޭގައި އަޅާއަށް ދީނީގޮތުން ނިސްބަތްކުރެވޭ ނަންތަކެވެ. މިސާލަކަށް: މުއުމިނަކު، ކާފިރަކު، ފާސިގަކު، އުރެދޭ މީހަކު، މުނާފިގަކު ފަދަ ނަންތަކެވެ.
އަޙްކާމް (ޙުކުމްތައް): މިއީ އާޚިރަތްދުވަހުން އެމީހަކާ މެދު ކުރެވޭނޭ ޙުކުމެވެ. އޭނާއަކީ ސުވަރުގެވަންތަވެރިއެއްތޯ، ނުވަތަ ނަރަކައިގައި ދާއިމަށް ދެމިހުންނާނޭ މީހެއްތޯ، ނުވަތަ ދާއިމަށް ނޫން ގޮތަކަށް ނަރަކައަށް ވަންނާނޭ މީހެއްތޯ ކަނޑައެޅޭ ޙުކުމެވެ.
އަހުލުއްސުންނާ ވަލްޖަމާޢަތުގެ އަޤީދާ: އަހުލުއްސުންނާ ވަލްޖަމާޢަތުގެ ދަންނަބޭކަލުން ގަބޫލުކުރައްވާ ގޮތުގައި އީމާންކަން ފުރިހަމަވަނީ ތިން ކަމެއްގެ މައްޗަށެވެ.
1. ދުލުން ބުނާ ބުނުން
2. ހިތުން ކުރާ އިޢުތިޤާދު
3. ގުނަވަންތަކުން ކުރާ ޢަމަލު
މީގެ އިތުރުން، ﷲ އަށް ކިޔަމަންތެރިވުމުން އީމާންކަން އިތުރުވެ، އުރެދުންތަކުގެ ސަބަބުން އީމާންކަން އުނިވާނެކަމަށް ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ޤަބޫލުކުރައްވައެވެ. މި އަޤީދާ ބިނާވެފައި ވަނީ ކީރިތި ޤުރުއާނާއި ސުންނަތުގެ ނައްޞުތައް ދިރާސާކުރުމުގެ މައްޗަށާއި، ޞަޙާބީ ބޭކަލުން އެނައްޞުތައް ފަހުމްވެވަޑައިގަތް ގޮތުގެ މައްޗަށާއި، ޢަރަބި ބަހުގެ ހަމަތަކުގެ މައްޗަށެވެ.
އެހެންކަމުން، އަހުލުއްސުންނާގެ ގާތުގައި، ޝަރުޢީ ނައްޞުތަކަށް ބަލާއިރު، ދުނިޔޭގައި އަޅާއަށް ކިޔޭނޭ ނަމަކީ ;މުއުމިނު; އެވެ. އެއީ އޭނާ ފާސިޤުވާ ފަދަ ނުވަތަ ކާފިރުވާ ފަދަ ބޮޑު ފާފައަކަށް އަރައިނުގަންނަހާ ހިނދަކުއެވެ.
އޭނާގެ ކިބައިގައި ފާސިޤުވާ ފަދަ ކަމެއް ހުރިނަމަ، އޭނާއަށް ކިޔާނީ ;އީމާންކަން އުނި މުއުމިނެއް; ނުވަތަ ;ފާސިޤު މުއުމިނެއް; މިފަދައިންނެވެ. ދުނިޔޭގައި އޭނާއާއި މެދު މުޢާމަލާތް ކުރެވޭނީ މުސްލިމެއްގެ ގޮތުގައެވެ.
ނަމަވެސް ހެކިބަސް ދިނުން ފަދަ ކަންކަމުގައި އޭނާ އިސްތިސްނާވާނެއެވެ. އާޚިރަތް ދުވަހުން އޭނާގެ މައްޗަށް އޮތީ ﷲ ގެ އިރާދަފުޅެވެ. އެކަލާނގެ އިރާދަކުރައްވައިފި ނަމަ އޭނާ ކުރި ބޮޑު ފާފައަށް ޢަޛާބު ދެއްވަފާނެއެވެ. ނުވަތަ އެކަލާނގެ ރަޙްމަތްފުޅުން ފާފަ ފުއްސަވައިދެއްވަފާނެއެވެ. އޭނާއަށް ޢަޛާބު ދެއްވި ނަމަވެސް، ނަރަކައިގައި އޭނާ ދާއިމަށް ދެމި ނޯންނާނެއެވެ. ސަބަބަކީ އޭނާއަކީ އީމާންކަމުގެ އަޞްލު އޮތް މުސްލިމަކަށް ވީތީއެވެ. އަދި އޭނާ ކުރި ކަމަކީ ދީނުން ބޭރުވާފަދަ ކުފުރުގެ ޢަމަލެއްނަމަ، އޭނާގެ މައްޗަށް މުރުތައްދު ވުމުގެ ޙުކުމް ހިނގާނެއެވެ. އަދި އޭނާއަށް ކާފިރެއްގެ ޙުކުމްތައް ހިންގުމަށްޓަކައި ;ކާފިރު; މި ނަން ނިސްބަތްކުރެވޭނެއެވެ. އާޚިރަތް ދުވަހުން އެފަދަ މީހަކީ ނަރަކައިގައި ދާއިމަށް ދެމިހުންނާނޭ މީހެކެވެ.
އެހެން ނަމަވެސް، އަހުލުއްސުންނާގެ ބޭކަލުން ކަނޑައެޅިގެން ވަކި މީހަކަށް (އޭނާގެ މައްޗަށް މުރުތައްދުވުމުގެ ޙައްދު ޤާއިމުކުރެވުނު ކަމުގައިވިޔަސް) އޭނާއަކީ ނަރަކައިގައި ދާއިމަށް ދެމިހުންނާނޭ މީހެއްކަމަށް ހެކިބަހެއް ނުދެއްވާނެއެވެ. ސަބަބަކީ، އޭނާގެ ޢަމަލުތައް ނިމިގެންދިޔަ ގޮތާއި (އެބަހީ: މަރުވުމުގެ ކުރިން އިޚްލާޞްތެރި ތައުބާއަކުން ތައުބާވިކަން ނުވަތަ ނޫންކަން) ﷲ މެނުވީ ދެނެވޮޑިގެން ނުވާތީއެވެ.
ހަމައެފަދައިން، އީމާންކަމުގެ ހެކިބަސް ދިނުމުގައިވެސް، ކަނޑައެޅިގެން ވަކި މީހަކީ ސުވަރުގެވަންތަވެރިއެއް ކަމަށް ހެކިބަހެއް ނުދެއްވާނެއެވެ. އެއީ ދަލީލުތަކުން އެކަން ސާބިތުވާ ބޭކަލުން މެނުވީއެވެ. މިސާލަކަށް: ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ދެއްވުނު ދިހަ ބޭކަލުންނާއި، ޢުކާޝާ ބިން މިޙްޞަނު ފަދަ ބޭކަލުންނެވެ.
;އަސްމާއު; އާއި ;އަޙްކާމް; ގެ ބާބުގައި ހައްދުފަހަނަޅައިދިޔަ ފިރުޤާތައް:
ޚަވާރިޖުންނާއި މުޢުތަޒިލާއިން އީމާންކަމުގެ ތަޢުރީފުގައި އަހުލުއްސުންނާއާއި އެއްބަސްވެއެވެ. ނަމަވެސް އެ ތަޢުރީފު ޢަމަލީގޮތުން ހިންގުމުގައި އެބޭކަލުންނާއި ޚިލާފުވެ، ;އަސްމާއު; އާއި ;އަޙްކާމް; ގެ ބާބުގައި ހައްދުފަހަނަޅައި ދިޔައެވެ.
ޚަވާރިޖުން: މިބައިމީހުން ހައްދުފަހަނަޅައި ގޮސް ބުނަނީ: ބޮޑު ފާފައެއް ކުރާ މީހާއީ ދުނިޔޭގައި ;ކާފިރެއް; ކަމަށާއި، އޭނާގެ ލެޔާއި މުދާ ހަލާލުވެގެންވާ ކަމަށެވެ. އަދި އާޚިރަތް ދުވަހުން އޭނާއަކީ ނަރަކައިގައި ދާއިމަށް ދެމިހުންނާނޭ މީހެއް ކަމަށެވެ.
މުޢުތަޒިލާއިން: މިބައިމީހުން ބުނަނީ: ބޮޑު ފާފައެއް ކުރާ މީހާ ވަނީ ދެ މަޤާމެއްގެ މެދުގައިވާ މަޤާމެއްގައެވެ.
އޭނާއަކީ މުއުމިނެއް ވެސް ނޫނެވެ. އަދި ކާފިރެއް ވެސް ނޫނެވެ. މިއީ ދުނިޔޭގައި އޭނާއަށް އޮތް ގޮތެވެ. އެކަމަކު އާޚިރަތް ދުވަހުން އޭނާގެ ޙުކުމަކީ ނަރަކައިގައި ދާއިމަށް ދެމިހުރުން ކަމަށް އެބައިމީހުން އެއްބަސްވެއެވެ.
އެހެންކަމުން، މުޢުތަޒިލާއިންނާއި ޚަވާރިޖުންނާ ދެމެދު އޮތް ތަފާތަކީ ދުނިޔޭގައި ކިޔާ ނަމުގެ ތަފާތެވެ. ޚަވާރިޖުން ބުނާ ބުނުމަށް މުޢުތަޒިލާއިން ފާޅުގައި އެއްބަސްނުވި ނަމަވެސް، އާޚިރަތުގެ ޙުކުމުގައި އެބައިމީހުން ޚަވާރިޖުންނާ އެއްބަސްވެއެވެ. މި ސަބަބަށްޓަކައި މުޢުތަޒިލާއިންނަށް ;ޚަވާރިޖުންގެ ފިނޑިން; ނުވަތަ ;ޚަވާރިޖުންނާ އެއްގޮތް އެކޭ; ކިޔައި އުޅެއެވެ.
ޖަހުމިއްޔާއިންނާއި، ޞާލިޙިއްޔާއިންނާއި، ޘައުބާނިއްޔާއިންނާއި، ޣައްސާނިއްޔާއިން އަދި ޝައްބީބިއްޔާއިންނާއި، ޣައިލާން ބިން މުސްލިމު އައްދިމަޝްޤީވެސް ބުނެފައި ވަނީ މިފަދައިންނެވެ. މިބައިމީހުން ބުނާ ގޮތުގައި އީމާންކަމަކީ ހަމައެކަނި ހިތުން ﷲ އާއި އެކަލާނގެ ރަސޫލާ ދެނެގަނެ، އެކަން ޤަބޫލުކުރުމެވެ. ދުލުން ބުނާ ބުނުމެއް ނުވަތަ ގުނަވަންތަކުން ކުރާ ޢަމަލެއް އޭގެ ތެރެއަކަށް ނުވަދެއެވެ. އެހެންކަމުން ދުނިޔޭގައި ހިތުން ﷲ ދެނެގަނެގެން ހުރި ކޮންމެ މީހަކީ ސުވަރުގެވަންތަވެރިއެކެވެ.
މި ސަބަބަށްޓަކައި، އިބްނުލް ޤައްޔިމް އެކަލޭގެފާނުގެ ;ނޫނިއްޔާ; ގައި ޖަހުމް ބިން ޞަފްވާނާއި އެ ނޫން ވެސް އެފަދަ މީހުންގެ މަޛްހަބާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ:;އެބައިމީހުން ބުނެފިއެވެ: އަޅުތަކުން އެކަލާނގެއީ އެބައިމީހުން އުފެއްދެވި ފަރާތްކަމަށް އިޤްރާރުވުމަކީ އެއީ އީމާންކަމުގެ އެންމެ ނިމުމެވެ. (އެބަހީ: އެއީ ފުރިހަމަ އީމާންކަމެވެ). އަދި އީމާންކަމުގައި އެންމެންނަކީ އެއްވަރުގެ ބައެކެވެ. ފުނަލުގެ ދަތްތައް އެއްވަރުވެގެންވާ ފަދައިންނެވެ.;
ކައްރާމިއްޔާއިން: (މިއީ މުޙައްމަދު ބިން ކައްރާމް އައްސިޖިސްތާނީއަށް ތަބާވާ މީހުންނެވެ). އަދި ނައްޖާރިއްޔާއިންނާއި، (މުޢުތަޒިލާއިންގެ ތެރެއިންވާ ޙުސައިން ބިން މުޙައްމަދު އައްނައްޖާރަށް ތަބާވާ މީހުން) ބުނާ ގޮތުގައި: އީމާންކަމަކީ ހަމައެކަނި ދުލުން ތައުޙީދުގެ ކަލިމަ ކިޔުމެވެ. އެހެންކަމުން، ދުލުން ތައުޙީދުގެ ކަލިމަ ކިޔައިފި ކޮންމެ މީހަކީ އެބައިމީހުންގެ ގާތުގައި ފުރިހަމަ އީމާންކަމެއްގެ ވެރި މުއުމިނެކެވެ. އަދި އާޚިރަތުގައި އޭނާ ވަނީ ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގޭގައެވެ.
އަޝްޢަރީންނާއި މާތުރީދީން: އަޝްޢަރީން ބުނާ ގޮތުގައި، އަދި މާތުރީދީންގެ ބުނުމުން ފާޅުވާ ގޮތުގައި: އީމާންކަމަކީ ހަމައެކަނި ހިތުން ތަޞްދީޤުކުރުމެވެ. (ތެދުކުރުމެވެ).
އަސްމާއު އާއި އަޙްކާމްގެ ބާބުގައި ހައްދުފަހަނަޅައިދިއުމުގެ ނަތީޖާ
މި ބާބުގައި ހައްދުފަހަނަޅައިދިއުމުގެ ސަބަބުން މުޖުތަމަޢުގައި ބޮޑެތި ފިތުނަތައް އުފެދެއެވެ. އޭގެ ތެރޭގައި:
– މީސްތަކުން ކާފިރުކުރުން: ބޮޑު ފާފައަކަށް އަރައިގަންނަ ކޮންމެ މީހަކީ ކާފިރެއް ކަމަށް ބަލައި، އެމީހުންގެ ލެޔާއި މުދާ ޙަލާލުކުރުން.
– މުޖުތަމަޢާއި ވަކިވުން: މުޖުތަމަޢަކީ ކާފިރު ބައެއް ކަމަށް ދެކި، އެމީހުންނާއި ވަކިވެގަތުން.
– އިސްލާމް ދީނުގެ ރީތި ސޫރަ ހަޑިވުން: މިކަމުގެ ސަބަބުން ދީނަކީ ޓެރަރިޒަމަށް ހިތްވަރުދޭ، ހަރުކަށިކަމުގެ ދީނެއް ކަމަށް މީހުންނަށް ސިފަވެއެވެ.
– ބައިބައިވުމާއި ބިރުވެރިކަން ފެތުރުން: މުސްލިމުންގެ މެދުގައި އެކަކު އަނެކަކަށް ކާފިރުކޮށް، މީހުން މެރުމާއި ހަމަނުޖެހުން އުފެއްދުން.
– އެބައިމީހުންނާ ޚިލާފުވާ މީހުން މެރުން.
– ﷲ ބާވައިލެއްވި ޙުކުމުން ނޫންގޮތަށް ޙުކުމްކުރާ ކޮންމެ މީހަކީ ކާފިރެއް ކަމަށް ބަލައި، އެކަމުގައި ހުރި
ތަފްޞީލުތަކަށް ނުބެލުން.
– ފާފަތަކުގެ ސަބަބުން މީހުން ކާފިރުކުރުން. މިއީ މީހުން މެރުމާއި، ބޮންގޮއްވުމާއި، ލޭ ހަލާލުކުރުމަށް ހުޅުވޭ ދޮރެކެވެ.
ދީނުގައި ހައްދުފަހަނަޅައި ދިއުމަކީ ޝަރީޢަތުގައި ނަހީކުރައްވާފައިވާ ކަމެކެވެ. މީގެ އެންމެ ބޮޑު ފަރުވާއަކީ ޞައްޙަ ޝަރުޢީ ޢިލްމު އުނގެނުމެވެ. އަދި ސަލަފުއްޞާލިޙުންގެ މަގުން ކަންކަން ދެނެގަތުމެވެ. އީމާންކަމާއި ކުފުރުގެ މައްސަލަތަކުގައި މެދުމިނުގެ މަގު ޚިޔާރު ކުރުމަކީ މުސްލިމް އުންމަތުގެ އަމާންކަމާއި އެއްބައިވަންތަކަމުގެ އަޞްލެވެ.
ނޯޓް: މި ލިޔުމަކީ ޑ. ޢަލީ އައްޝިބްލު ލިޔުއްވާފައިވާ ލިޔުމެއްގެ ޚުލާސާއެކެވެ.
ތަރުޖަމާ: އަޙްމަދު ރިމާޒު