ބޮލީވުޑްގެ ތަރި، އާމިރު ޚާން އުމުރުން 61 އަހަރުގައި މިއަދު ތިން ވަނަ ކައިވެނިކޮށްފި އެވެ.
ކުުރީގެ ދެ ކައިވެނި ރޫޅާލާފައިވާ އެކްޓަރު މި ފަހަރު ކައިވެނިކުރީ އޭނަ މީގެ އަހަރެއްހާ ދުވަސް ކުރިން ލޯބީގެ ގޮތުން ގުޅުނު ގޯރީ ސްޕްރަޓްްއާ އެވެ، ވަރަށް އާދައިގެ ގޮތަކަށް ބޭއްވި އާމިރާއި ގޯރީގެ ކައިވެނި ހަފުލާ އޮތީ މުމްބާގައި ހުންނަ އާމިރުގެ ގޭގަ އެވެ. އެ ހަފުލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ބައެއް އެކުވެރިންނެވެ.
ގޯރީ، 47، އަކީ ވެސް ކުރިން ކައިންވެންޏެއްކޮށް ފިރިހެން ދަރިޔަކު ހުރި މީހެކެވެ.

އާމިރު އެންމެ ފަހުން ކައިވެނިކޮށްގެން އުޅުނީ ޑައިރެކްޓަރު ކިރަން ރާއޯއާ އެވެ. ދެހާސް ފަހެއްގައި ކުރި ކައިވެނި ރޫޅައިލީ 2021 ގަ އެވެ. އާމިރާއި ކިރަން އަށް ލިބިފައިވާ ދަރިފުޅަކީ މި އަހަރު 15 އަހަރު ފުރޭ އާޒާދު ރާއޯ ޚާނެވެ.
އާމިރުގެ ފުރަތަމަ ކައިވެންޏަށް ދެ ކުދިން ލިބިފައިވާ އިރު، އޭނަ އާއި ރީނާ ދައްތާ 1986 ގައި ކުރި ކައިވެނި ރޫޅައިލީ 2002 ގަ އެވެ. އެ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅަކީ މިހާރު ފިލްމު ވެސް ކުޅެމުން އަންނަ ޖުނައިދު ޚާން، 33، އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މެއި ރިލީޒްކުރި 'އޭކް ދިން' އެވެ.
އާމިރުގެ އަންހެން ދަރިފުޅަކީ އިރާ ޚާން، 29، އެވެ. އޭނަ ވަނީ 2024 ގައި ކައިވެނިކޮށްފަ އެވެ.
އާމިރު ތިން ވަނަ ކައިވެނިކުރި އިރު، ކުރީގެ ދެ އަނބިންނާއި އޭނައާ ދެމެދު އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.