ޠާލޫތު އަދި ޖާލޫތުގެ ވާހަކައަކީ ޙައްޤާއި ބާޠިލުގެ މެދުގައި ހިނގާ ދާއިމީ ކުރިމަތިލުންތައް ސިފަކޮށްދޭ، އަދި ގޮންޖެހުންތަކާ ކުރިމަތިލާއިރު އީމާންތެރިކަމާއި ކެރުމުގެ މުހިންމުކަން ހާމަކޮށްދޭ ވާހަކައެކެވެ. ޠާލޫތު، ބަނީ އިސްރާއީލްގެ މީހުން ގޮވައިގެން ޖާލޫތާއި އޭނާގެ ލަޝްކަރާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތަފްޞީލާއި، ޒުވާން ދާވޫދު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުން ޖާލޫތު ޤަތުލުކުރައްވައި، ބަނީ އިސްރާއީލުންނަށް ނަޞްރު ލިބުނު ގޮތުގެ ޢިބުރަތްތެރި ވާހަކައެކެވެ.
ޠާލޫތު ރަސްގެފާނުގެ ކުރިން ބަނީ އިސްރާއީލްގެ ޙާލަތު:
މާތް ﷲ ގެ ނަބިއްޔާ މޫސާގެފާނާއި އެކަލޭގެފާނުގެ އަޚް ހާރޫނުގެފާނު އަވަހާރަވީ 40 އަހަރަށް ދެމިގެން ދިޔަ ތީހު ދުވަސްވަރުގައެވެ. އެއަށްފަހު ބަނީ އިސްރާއީލްގެ މީހުންގެ ވެރިޔަކަށްވީ ﷲ ގެ ނަބިއްޔާ ޔޫޝަޢު ބްނު ނޫނެވެ. އެކަލޭގެފާނު ބައިތުލްމަޤްދިސް ފަތަޙަކުރައްވައި ފަލަސްޠީނުގެ މައްޗަށް ބާރު ހޯއްދެވިއެވެ. އަދި ބައިތުލްމަޤްދިސްއަށް ވަންނައިރު ކުޑަކޮށް ގުދުވެގެން ސަޖިދައިގެ ޙާލަތުގައި ވަނުމަށާއި، އަދި "ޙިއްޠަތުން" (އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވާށޭ) ކިޔުމަށް އަމުރުކުރެއްވިއެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
﴿وَإِذْ قُلْنَا ادْخُلُواْ هَذِهِ الْقَرْيَةَ فَكُلُواْ مِنْهَا حَيْثُ شِئْتُمْ رَغَدًا وَادْخُلُواْ الْبَابَ سُجَّدًا وَقُولُواْ حِطَّةٌ نَّغْفِرْ لَكُمْ خَطَايَاكُمْ وَسَنَزِيدُ الْمُحْسِنِينَ﴾ (سورة البقرة 58)
މާނައީ: "އަދި ތިޔަބައިމީހުން މިއޮތް ރަށަށް ވަންނާށޭ ތިމަންރަސްކަލާނގެ وحى ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ފަހެ، ތަނަވަސްކަމާއެކުގައި ތިޔަބައިމީހުން އެދޭ ފަދައަކުން އެރަށުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން سجدة ކުރާ حال (އެބަހީ: މަޑުމައިތިރިވެ، ކިޔަމަންވެގެންވާ حال އެރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި عفو ކުރެއްވުމޭ ދަންނަވާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ (ހެޔޮކަން) އިތުރު ކުރައްވާހުށީމެވެ."
ނަމަވެސް އެމީހުންގެ ތެރެއިން ބައެއް މީހުން ދީނަށް ފުރައްސާރަކޮށް، ފަހަތަށް ހިނގައި އެކޮޅުކޮޅުން ހިނގާފައި ވަދެ، (حنطة حبّة في شعرة) "ޙިންޠަތުން ޙައްބަތުން ފީ ޝަޢީރާ" (ހިމަގޮދުން އޮށެކެވެ) އޭ ކިޔައި ބަސް ބަދަލުކުރިއެވެ.
މާތް ﷲ ވަޙީކުރައްވައި ފައިވެއެވެ.
﴿فَبَدَّلَ الَّذِينَ ظَلَمُوا قَوْلًا غَيْرَ الَّذِي قِيلَ لَهُمْ فَأَنزَلْنَا عَلَى الَّذِينَ ظَلَمُوا رِجْزًا مِّنَ السَّمَاءِ بِمَا كَانُوا يَفْسُقُونَ﴾ (سورة البقرة ٥٩)
މާނައީ: "ދެން (އޭގެތެރެއިން) އަނިޔާވެރިވި މީހުން، އެއުރެންނަށް ކިޔާށޭ އެންގެވި ބަސް އެނޫން ބަހަކަށް ބަދަލުކޮށްފޫއެވެ. ދެން އެ އަނިޔާވެރިވި މީހުންގެ މައްޗަށް، އެއުރެން فاسق ވި ކަމުގެ ސަބަބުން، އުޑުން عذاب އެއް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ." ދީނާ ކުޅުމުގެ ސަބަބުން ﷲ އެމީހުންނަށް ޢުޤޫބާތް ދެއްވައި، ތާޢޫން ބަލި ފޮނުއްވިއެވެ. އެ ބަލީގައި އެމީހުންގެ ތެރެއިން ގާތްގަނޑަކަށް 20,000 މީހުން މަރުވިއެވެ.
ބަނީ އިސްރާއީލްގެ ރަސޫލުންނާއި ސަންދޯއް (ތާބޫތު) ގެއްލުން:
ބަނީ އިސްރާއީލްގެ މީހުން ޝާމް ކަރައިގެ އެކި ސަރަޙައްދުތަކަށް ފެތުރިގެންދިޔައެވެ. އަދި މާތް ﷲ އެމީހުންގެ ގާތަށް ގިނަގުނަ ރަސޫލުން ފޮނުއްވިއެވެ. އޭގެ ތެރޭގައި މާތް ﷲ ގެ ނަބިއްޔާ އިލްޔާސުގެފާނު ހިމެނެއެވެ. އެކަލޭގެފާނު ފޮނުއްވުނީ މިހާރުގެ ލުބުނާން ހިސާބުގައި އުޅުނު، ޖަނަވާރެއްގެ ސިފައަށް ހަދާފައި ހުރި "ބަޢުލު" ކިޔާ ބުދަކަށް އަޅުކަންކުރި ބަޔަކަށެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
وَإِنَّ إِلْيَاسَ لَمِنْ الْمُرْسَلِينَ * إِذْ قَالَ لِقَوْمِهِ أَلا تَتَّقُونَ * أَتَدْعُونَ بَعْلا وَتَذَرُونَ أَحْسَنَ الْخَالِقِينَ * اللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الأَوَّلِينَ (سورة الصافات 123-126)
މާނައީ: "ހަމަކަށަވަރުން، إلياس ގެފާނުވަނީ رسول ންގެ ތެރެއިންކަން ކަށަވަރެވެ. އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން تقوى ވެރި ނުވާނޫހެއްޔެވެ؟ އެންމެ ފުރިހަމަޔަށް ތަކެތި ހައްދަވާ ރަސްކަލާނގެއަށް އަޅުކަންކުރުން ދޫކޮށް، ތިޔަބައިމީހުން بعل އަށް އަޅުކަންކުރަނީ ހެއްޔެވެ؟ (بعل އަކީ އެއުރެން އަޅުކަން ކުރުމަށް ހަދާފައިވާ ބުދެކެވެ.) އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރި، އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެރި اللَّه އެވެ."
މި ދުވަސްވަރު "ޢުޒައިރު" ގެފާނުވެސް ފާޅުވިއެވެ. މާތް ﷲ އެކަލޭގެފާނު 100 އަހަރުފަހުން އަލުން ދިރުއްވިއެވެ. އެއަށްފަހު އެކަލޭގެފާނު ބަނީ އިސްރާއީލްގެ މީހުންގެ އީމާންކަން އާކޮށްދެއްވައި، ދީނުން ގެއްލިފައިވާ ކަންކަން އުނގަންނަވައިދެއްވިއެވެ. ދެން އެއަށްފަހު މާތް ﷲ އެމީހުންގެ ގާތަށް އަލްޔަސަޢު ޢަލައިހިއްސަލާމް ފޮނުއްވިއެވެ.
ބަނީ އިސްރާއީލްގެ މީހުންގެ ގާތަށް ނަބީބޭކަލުން ފޮނުއްވުން މެދުނުކެނޑި ކުރިއަށްދިޔައެވެ. އެގޮތުން އެއް ފަހަރާ ތިން ނަބީބޭކަލުންވެސް އެއް ދުވަސްވަރެއްގައި އުޅުއްވިއެވެ. ޔޫޝަޢުގެފާނަށްފަހު، ނަބީކަމާއި ވެރިކަން ވަކިވެ، އެމީހުންގެ މައްޗަށް ރަސްކަލުން ވެރިކަން ކުރަން ފެށިއެވެ. އެއަށްފަހު ބަނީ އިސްރާއީލުން ބައިބައިވެ، ހަތުރުންގެ ގަދަފަދަ ޙަމަލާތަކާ ކުރިމަތިލާންޖެހުނެވެ. އަދި މޫސާގެފާނާއި ހާރޫނުގެފާނުގެ މުޤައްދަސް ތަކެތި ހުރި ސަންދޯއް (ތާބޫތު) ވެސް ދުޝްމަނުން އެމީހުންގެ އަތުން އަތުލިއެވެ.
ޠާލޫތަކީ ކާކު؟
ބަނީ އިސްރާއީލްގެ މީހުން އެމީހުންގެ ނަބިއްޔާ "ޝަމްވީލް" ގެފާނުގެ އަރިހަށް އެއްވެ، އެމީހުންގެ ދުޝްމަނުން ފަހައި، ދަރިންނާއި މުޤައްދަސް ތަކެތި ސަލާމަތްކުރުމަށްޓަކައި އެމީހުންގެ އިސްވެ ހުރެ ހަނގުރާމަކުރާނެ ރަސްކަލަކު ކަނޑައަޅައިދިނުމަށް އެދުނެވެ. ނަބިއްޔާ އެމީހުންގެ އުރެދުންތެރިކަމަށް ބިރުވެތިވިއެވެ. ނަމަވެސް އެމީހުން ވަރަށް ބޮޑަށް ބާރުއަޅައި އާދޭސްކުރުމުން، ﷲ ގެ އަމުރުފުޅަށް ހަށިގަނޑު ވަރުގަދަ، ޢިލްމުވެރި ބޭފުޅެއް ކަމުގައިވާ "ޠާލޫތު" އެމީހުންގެ ރަސްކަލަކަށް ހަމަޖެއްސެވިއެވެ.
އެހެން ނަމަވެސް، އޭނާއަކީ މުއްސަންދި ބޭފުޅެއް ނޫންކަމަށް ބުނެ ބަނީ އިސްރާއީލުން އޭނާއަށް ކިޔަމަންވާން ދެކޮޅުހެދިއެވެ. ބަނީ އިސްރާއީލުން އެމީހުންގެ ނަބިއްޔާ ދޮގުކުރުމުން، އެކަލޭގެފާނު ވިދާޅުވީ، ޠާލޫތު އިޚްތިޔާރުކުރެއްވިކަމުގެ ހެކިބަހެއްގެ ގޮތުން މަލާއިކަތުން އެ މުޤައްދަސް ސަންދޯއް (ތާބޫތު) އުފުއްލަވައިގެން އެމީހުންގެ ގާތަށް ގެންނަވާނެ ކަމަށެވެ. އެ މުޢުޖިޒާތް ފެނުމުން އެމީހުން ބޯލަނބައި، "ޖާލޫތު" ގެ ލަޝްކަރާ ދެކޮޅަށް ހަނގުރާމައަށް ޠާލޫތުގެ ފަހަތްޕުޅުގައި ނުކުތެވެ.
މަގުމަތީގައި އެމީހުންގެ ކިޔަމަންތެރިކަމާއި ކެތްތެރިކަން އިމްތިޙާނު ކުރެއްވުމަށްޓަކައި، ކުރިމަތިން ފެންނަން އޮތް ކޯރުން ފެން ނުބުއިމަށް ޠާލޫތު އެންގެވިއެވެ. އަދި އެފެންގަނޑުން ފެންބޮއެފި މީހަކު ލަޝްކަރުން ވަކިވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމީހުންގެ ތެރެއިން ގިނަ ބަޔަކު ފެންބުޔެވެ. ޠާލޫތާއެކު ސާބިތުވެ ތިބީ ވަރަށް މަދު ބައެކެވެ.
ޠާލޫތަކީ ދާވޫދުގެފާނު ހެއްޔެވެ؟
ޠާލޫތަކީ ދާވޫދުގެފާނެއް ނޫނެވެ. ޠާލޫތަކީ ޖާލޫތުގެ ލަޝްކަރާ ކުރިމަތިލުމަށްޓަކައި ﷲ އިޚްތިޔާރުކުރެއްވި ބަނީ އިސްރާއީލްގެ ރަސްގެފާނެވެ. ދާވޫދު ޢަލައިހިއްސަލާމް އަކީ އެ ދުވަސްވަރު ޠާލޫތުގެ ލަޝްކަރުގައި ހުންނެވި ޒުވާން ފަހުލަވާނެކެވެ. އެކަލޭގެފާނުގެ ކެރުމާއި އީމާންތެރިކަމުން ޖާލޫތު ޤަތުލުކުރައްވައި، ބަނީ އިސްރާއީލަށް ނަޞްރު ހޯއްދަވައިދެއްވިއެވެ. ޠާލޫތަކީ މުއްސަންދި ނުވަތަ މަތީ ނަސަބެއްގެ ބޭފުޅެއް ނޫން ނަމަވެސް ﷲ އިޚްތިޔާރުކުރެއްވި ކުޅަދާނަ ވެރިއެކެވެ. ދާވޫދުގެފާނު ނަބީކަމާއި ރަސްކަން ހޯއްދެވީ އޭގެ މާ ފަހުންނެވެ. މި ވާހަކަ ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ 246-251 އަށް ހުރި އާޔަތްތަކުގައި ބަޔާންވެގެންވެއެވެ.
ޠާލޫތާއި ޖާލޫތު، އަދި ބަނީ އިސްރާއީލްގެ ނަޞްރު:️
ދެ ލަޝްކަރު ބައްދަލުވުންދެ ލަޝްކަރު ކުރިމަތިލިއެވެ. ޠާލޫތުގެ ބެލުމުގެ ދަށުން ބަނީ އިސްރާއީލުން އަދި ޖާލޫތުގެ ބެލުމުގެ ދަށުން ޢަމާލިޤާ އެވެ. ދެ ލަޝްކަރު ބައްދަލުވިހިނދު ބަނީ އިސްރާއީލްގެ މީހުން ބިރުގަނެ، ޖާލޫތާއި އޭނާގެ ބިޔަ ލަޝްކަރާ ހަނގުރާމަކުރުމުގެ ކުޅަދާނަކަން އެމީހުންނަށް ލިބިގެން ނުވާކަމަށް ބުންޏެވެ. ނަމަވެސް ޠާލޫތު އެމީހުންނަށް ކެތްތެރިވުމަށް ނަޞޭޙަތްތެރިވެ، ނަޞްރު ލިބުންވަނީ ހަތިޔާރާއި މީހުންގެ ގިނަކަމުން ނޫންކަމާއި، އެއީ އީމާންތެރިކަމުން ލިބޭ އެއްޗެއްކަން ވިދާޅުވެދެއްވިއެވެ. އަދި އެމީހުން ﷲ ގެ ޙަޟްރަތުގައި ނަޞްރަށް އެދި ދުޢާކުރިއެވެ.
ﷲ ވަޙީކުރައްވާފައިވެއެވެ.
﴿فَلَمَّا فَصَلَ طَالُوتُ بِالْجُنُودِ قَالَ إِنَّ اللَّهَ مُبْتَلِيكُم بِنَهَرٍ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّي وَمَن لَّمْ يَطْعَمْهُ فَإِنَّهُ مِنِّي إِلَّا مَنِ اغْتَرَفَ غُرْفَةً بِيَدِهِ ۚ فَشَرِبُوا مِنْهُ إِلَّا قَلِيلًا مِّنْهُمْ ۚ فَلَمَّا جَاوَزَهُ هُوَ وَالَّذِينَ آمَنُوا مَعَهُ قَالُوا لَا طَاقَةَ لَنَا الْيَوْمَ بِجَالُوتَ وَجُنُودِهِ ۚ قَالَ الَّذِينَ يَظُنُّونَ أَنَّهُم مُّلَاقُو اللَّهِ كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ ۗ وَاللَّهُ مَعَ الصَّابِرِينَ﴾ (سورة البقرة 146)
މާނައީ: "ދެން، لشكر އާއިގެން طالوت ނުކުމެވަޑައިގަތްހިނދު އޭނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ. ފަހެ، އެ ކޯރުން ފެންބޮއިފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެތެވެ. އަދި، އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮށްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ. ދެން، ފަހެ، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކޯރުން ފެންބޮއިފިއެވެ. ދެން އެއަށްފަހު، طالوت އާއި، އޭނާގެ އަރިހުގައި إيمان ވެގެންތިބި މީހުން، އެ ކޯރު ފަހަނަޅައި ހިނގައްޖެހިނދު، އެއުރެން (ގެ ތެރެއިން ބަޔަކު) ދެންނެވޫއެވެ. جالوت އާއި، އޭނާގެ لشكر އާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަމެއް އަދަކު ތިމަންމެންނަކަށް ނެތެވެ. ހަމަކަށަވަރުން، اللَّه އާ ބައްދަލުވާނޭކަން يقين ކުރާމީހުން ބުނޫއެވެ. اللَّه ގެ إذن ޔާއެކު ކިތައް ކިތައް މަދު جماعة ގެ މީހުން، ގިނަ جماعة ގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟ اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ."
ދާވޫދުގެފާނު ޖާލޫތު ޤަތުލު ކުރެއްވުން:
ހަނގުރާމަ ފެށުމާއެކު، ޖާލޫތު ކުރިމަތިލުމަށް (މުބާރަޒާއަށް) ގޮވައިލިއެވެ. ނަމަވެސް ބަނީ އިސްރާއީލްގެ އެއްވެސް މީހަކު ނުކުންނާކަށް ނުކެރުނެވެ. އެހިނދު ޠާލޫތު އިޢުލާންކުރެއްވީ، ޖާލޫތާ ހަނގުރާމަކޮށް އޭނާ ޤަތުލުކޮށްފި މީހަކަށް އޭނާގެ ދަރިފުޅު ކައިވެނިކޮށްދެއްވައި، އޭނާއަށްފަހު ރަސްކަން ދެއްވާނެ ކަމަށެވެ. އެހިނދު ﷲ ގެ ނަބިއްޔާ ދާވޫދު ޢަލައިހިއްސަލާމް ކުރިމަތިލެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި އޮތީ ހިލަ އުކާ މަޅިއެކެވެ. އެކަލޭގެފާނު އުއްކަވައިލެއްވި ހިލަބުރިން ޖާލޫތުގެ ނިތްކުރީގައި ޖެހި، އޭނާ ބިންމައްޗަށް ވެއްޓި މަރުވިއެވެ. އަދި ﷲ ގެ އިޛްނަފުޅާއެކު ބަނީ އިސްރާއީލަށް ބޮޑު ނަޞްރެއް ލިބުނެވެ. އެއަށްފަހު، ދާވޫދުގެފާނު ޠާލޫތުގެ ދަރިކަނބަލުންނާ ކައިވެނިބައްލަވައިގަނެ، ބަނީ އިސްރާއީލްގެ ރަސްގެފާނަށް ވެވަޑައިގަތެވެ. އެހިސާބުން ރަސްކަމާއި ނަބީކަން އެއްބޭފުޅެއްގެ ކިބައިން އަލުން ފާޅުވިއެވެ.
ކީރިތި ޤުރުއާނުގައި ޠާލޫތާއި ޖާލޫތުގެ ވާހަކަ ބަޔާންވެގެންވާ އާޔަތްތައްމި ވާހަކަ ބަޔާންވެގެންވަނީ ސޫރަތުލް ބަޤަރާގައެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
﴿أَلَمْ تَرَ إِلَى الْمَلإِ مِن بَنِي إِسْرَائِيلَ مِن بَعْدِ مُوسَى إِذْ قَالُواْ لِنَبِيٍّ لَّهُمُ ابْعَثْ لَنَا مَلِكًا نُّقَاتِلْ فِي سَبِيلِ اللَّهِ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ الْقِتَالُ أَلاَّ تُقَاتِلُواْ قَالُواْ وَمَا لَنَا أَلاَّ نُقَاتِلَ فِي سَبِيلِ اللَّهِ وَقَدْ أُخْرِجْنَا مِن دِيَارِنَا وَأَبْنَائِنَا فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ تَوَلَّوْا إِلاَّ قَلِيلاً مِّنْهُمْ وَاللَّهُ عَلِيمٌ بِالظَّالِمِينَ * وَقَالَ لَهُمْ نَبِيُّهُمْ إِنَّ اللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا قَالُواْ أَنَّى يَكُونُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ الْمَالِ قَالَ إِنَّ اللَّهَ اصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِي الْعِلْمِ وَالْجِسْمِ وَاللَّهُ يُؤْتِي مُلْكَهُ مَن يَشَاء وَاللَّهُ وَاسِعٌ عَلِيمٌ * وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَن يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ آلُ مُوسَى وَآلُ هَارُونَ تَحْمِلُهُ الْمَلائِكَةُ إِنَّ فِي ذَلِكَ لآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ * فَلَمَّا فَصَلَ طَالُوتُ بِالْجُنُودِ قَالَ إِنَّ اللَّهَ مُبْتَلِيكُم بِنَهَرٍ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّي وَمَن لَّمْ يَطْعَمْهُ فَإِنَّهُ مِنِّي إِلاَّ مَنِ اغْتَرَفَ غُرْفَةً بِيَدِهِ فَشَرِبُواْ مِنْهُ إِلاَّ قَلِيلاً مِّنْهُمْ فَلَمَّا جَاوَزَهُ هوَ وَالَّذِينَ آمَنُواْ مَعَهُ قَالُواْ لاَ طَاقَةَ لَنَا الْيَوْمَ بِجَالُوتَ وَجُنُودِهِ قَالَ الَّذِينَ يَظُنُّونَ أَنَّهُم مُّلاقُوا اللَّهِ كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ وَاللَّهُ مَعَ الصَّابِرِينَ * وَلَمَّا بَرَزُواْ لِجَالُوتَ وَجُنُودِهِ قَالُواْ رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ * فَهَزَمُوهُم بِإِذْنِ اللَّهِ وَقَتَلَ دَاوُدُ جَالُوتَ وَآتَاهُ اللَّهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاء وَلَوْلاَ دَفْعُ اللَّهِ النَّاسَ بَعْضَهُمْ بِبَعْضٍ لَّفَسَدَتِ الأَرْضُ وَلَكِنَّ اللَّهَ ذُو فَضْلٍ عَلَى الْعَالَمِينَ ﴾ (سورة البقرة 246-251)
މާނައީ: "އިސްރާއީލުގެދަރިންގެ ތެރެއިން، موسى ގެފާނަށްފަހުން އުޅުނު جماعة އެއްގެ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ އެއީ، އެއުރެންގެ ނަބިއްޔަކަށް އެއުރެން ދެންނެވި ހިނދުގައެވެ. اللَّه ގެ މަގުގައި ތިމަންމެން ހަނގުރާމަކުރުމަށް ތިމަންމެންނަށް ރަސްކަލަކު ފޮނުއްވައި ދެއްވާށެވެ! އެ ނަބިއްޔާ ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވިޔަސް، ތިޔަބައިމީހުން ހަނގުރާމަ ނުކޮށް ތިބެދާނެ ނޫންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ގޯތި ގެދޮރުންނާއި ދަރިންގެ ގާތުން ތިމަންމެން ނެރެލާފައިވާ حال، اللَّه ގެ މަގުގައި ތިމަންމެން ހަނގުރާމަ ނުކުރާންވީ ކީއްވެގެންތޯއެވެ؟ ދެން، އެއުރެންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވިހިނދު، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެކަމަށް ފުރަގަސްދިނޫއެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި، އެއުރެންގެ ނަބިއްޔާ އެއުރެންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް ރަސްކަލެއްކަމުގައި طالوت ފޮނުއްވައިފިއެވެ. އެއުރެން ދެންނެވޫއެވެ. އޭނާއަށްވުރެން ރަސްކަމަށް ތިމަންމެން حق ކަން ބޮޑުކަމުގައިވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަށް ރަސްކަން އޮންނާނީ ކޮންފަދައަކުންތޯއެވެ؟ އަދި، އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއްވެސް ލިބިފައެއް ނުވެއެވެ. އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް اللَّه، އޭނާ خيار ކުރެއްވިއެވެ. އަދި، އޭނާއަށް علم އާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި، އެއުރެންނަށް އެއުރެންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާގެ ވެރިކަމުގެ ހެތްކަކީ، ތިޔަބައިމީހުންނާ ހަމަޔަށް تابوت އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ ހިތްހަމަޖެހުމަކާއި، أمان ކަމަކާއި، އަދި، موسى ގެފާނުގެ آل ވެރިންނާއި هارون ގެފާނުގެ آل ވެރިން، ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއްތަކެތިވެސް، އެ تابوت ގައި ވެއެވެ. (އެތަކެއްޗާއެކު) އެ تابوت، ملائكة ން އުފުއްލަވައިގެން ގެންނަވާނެތެވެ. ތިޔަބައިމީހުންނީ، مؤمن ން ކަމުގައިވާނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. (ނޯޓު: تابوت އަކީ ފޮށްޓެކެވެ. އެ ފޮށީގައިވާ ތަކެއްޗާމެދު ތަފާތު ގޮތްގޮތަށް مفسر ން ލިޔުއްވާފައިވެއެވެ.) ދެން، لشكر އާއިގެން طالوت ނުކުމެވަޑައިގަތްހިނދު އޭނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ. ފަހެ، އެ ކޯރުން ފެންބޮއިފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެތެވެ. އަދި، އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮށްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ. ދެން، ފަހެ، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކޯރުން ފެންބޮއިފިއެވެ. ދެން އެއަށްފަހު، طالوت އާއި، އޭނާގެ އަރިހުގައި إيمان ވެގެންތިބި މީހުން، އެ ކޯރު ފަހަނަޅައި ހިނގައްޖެހިނދު، އެއުރެން (ގެ ތެރެއިން ބަޔަކު) ދެންނެވޫއެވެ. جالوت އާއި، އޭނާގެ لشكر އާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަމެއް އަދަކު ތިމަންމެންނަކަށް ނެތެވެ. ހަމަކަށަވަރުން، اللَّه އާ ބައްދަލުވާނޭކަން يقين ކުރާމީހުން ބުނޫއެވެ. اللَّه ގެ إذن ޔާއެކު ކިތައް ކިތައް މަދު جماعة ގެ މީހުން، ގިނަ جماعة ގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟ اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. އަދި، އެއުރެން (އެބަހީ: مؤمن ންގެ لشكر) جالوت އާއި، އޭނާގެ لشكر އާ (ހަނގުރާމަ ކުރުމަށް ސަފުތައްހަދައި) ކުރިމަތިލީހިނދު، އެއުރެން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ކެތްތެރިކަން ދެއްވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކޮށް ދެއްވާނދޭވެ! އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ! ފަހެ، އެއުރެން اللَّه ގެ إذن ފުޅާއެކު كافر ންގެ لشكر ބަލިކޮށްފޫއެވެ. އަދި، داود ގެފާނު، جالوت قتل ކުރެއްވިއެވެ. އަދި، اللَّه، އެކަލޭގެފާނަށް ރަސްކަމާއި، حكمة (އެބަހީ: ނަބީކަން) ދެއްވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކަންތަކެއް އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު اللَّه އީ، عالم ތަކުގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެއެވެ."
ޠާލޫތާއި ޖާލޫތުގެ ވާހަކައިން ލިބޭ ޢިބްރަތްތައް:
ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ މި ވާހަކައިން މުހިންމު ގިނަ ދަރުސްތަކެއް ލިބިގެންވެއެވެ.
ﷲ އަށް ބަރޯސާވުން: ދުޝްމަނުންގެ ބާރު ކިތަންމެ ގަދަވެފައި، ގިނަ ނަމަވެސް، ކޮންމެފަދަ ދަތި ޙާލަތެއްގައިވެސް ﷲ އަށް ތަވައްކަލުކޮށް، އެކަލާނގެ ނަޞްރަށް އިތުބާރުކުރުމުގެ މުހިންމުކަން މި ވާހަކައިން އެނގެއެވެ. މި ސާބިތުކަން ދާވޫދުގެފާނު ޖާލޫތާ ކުރިމަތިލެއްވިހިނދު ފެނިގެންދިޔައެވެ.
ވެރިކަމާއި ޙިކުމަތް: ޠާލޫތަކީ މުއްސަނދި ނުވަތަ މަތީ ފަންތީގެ ބޭފުޅެއް ނޫން ނަމަވެސް، ﷲ އޭނާ ލީޑަރެއްގެ ގޮތުގައި އިޚްތިޔާރުކުރެއްވުމުން އެނގެނީ، ވެރިކަމަކީ މުއްސަނދިކަމާއި ނަސަބުގެ މައްޗަށް ބިނާވާ އެއްޗެއް ނޫންކަމާއި، އެއީ އަޚްލާޤާއި، ކެރުމާއި، ޢިލްމާއި ޙިކުމަތުގެ މައްޗަށް ބިނާވާ އެއްޗެއް ކަމެވެ.
އީމާންތެރިކަމާއި ތަޤްވާވެރިކަން: ނަޞްރު ލިބުމުގެ އަސާސަކީ ހަމައެކަނި ހަތިޔާރާއި މީހުންގެ ގިނަކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ﷲ އަށް އޮންނަ އީމާންތެރިކަމާއި ތަޤްވާވެރިކަމެވެ. ޙަޤީޤީ ބާރަކީ ﷲ އަށް އޮންނަ އިތުބާރެވެ.
ކެތްތެރިކަމާއި ހިތްވަރު: ޠާލޫތު ކޯރުގެ ކައިރިން އޭނާގެ ލަޝްކަރު އިމްތިޙާނު ކުރެއްވުމުން އެނގެނީ، ބޮޑެތި ކާމިޔާބީތައް ޙާޞިލްކުރުމުގައި ނަފްސު ކޮންޓްރޯލްކުރުމާއި ކެތްތެރިކަމުގެ މުހިންމުކަމެވެ. އެ އަމުރަށް ކިޔަމަންތެރިވި މަދު މީހުންނަށް އެންމެ ފަހުން ނަޞްރު ލިބުނެވެ.
ކެރުމާއި އިސްނެގުން: ދާވޫދުގެފާނަކީ ލަޝްކަރުގެ އިސް ސިފައިންގެ މީހަކަށް ނުވި ނަމަވެސް، ޖާލޫތާ ކުރިމަތިލުމަށް އެކަލޭގެފާނު ދެއްކެވި ކެރުމާއި އިސްނެގުމަކީ، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާއިރު ހުންނަންޖެހޭނެ މުހިންމު ސިފައެކެވެ.
ރޭވުންތެރިކަމާއި ތަދުބީރު: ޠާލޫތު ރޭއްވެވި އިމްތިޙާނަކީ ޙަޤީޤީ، ސާބިތު ސިފައިންނާއި ބަލިކަށި މީހުން ވަކިކުރުމަށް ބޭނުންކުރެއްވި ބުއްދިވެރި އުކުޅެކެވެ. ރަނގަޅަށް ކަންކަން ރޭވުމަކީ ކާމިޔާބީގެ މުހިންމު ބައެކެވެ. މި ހުރިހާ ދަރުސްތަކަކީ އިސްލާމީ މަތިވެރި އަޚްލާޤާއި އުޞޫލުތައް ވަރުގަދަކޮށްދޭ، އަދި މުއުމިނުންގެ ޢަމަލީ ދިރިއުޅުމުގައި ނަމޫނާއަކަށް ބަލަންޖެހޭނެ ކަންކަމެވެ.
ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.