ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާޢުގެ ގޮނޑި ގެއްލުވައިލީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޝުޖާއު ވަކިކުރި އިރު އެލްޖީއޭ އިން ޙަވާލާދިން މާއްދާއަކީ މީހަކު ވަކިކުރާއިރު ޙަވާލާދޭން ޖެހޭ މާއްދާއެއް ނޫން ކަމަށެވެ.
އަދި ކައުންސިލަރެއްގެ ޝަރުތު ބަޔާންކޮށްފައި ވަނީ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ކަމަށްވާއިރު ކައުންސިލަރުކަމުގެ ޝަރުތުތައް ބަޔާންކޮށްފައިވާ މާއްދާގައި ހިމެނޭ އެއްވެސް ޝަރުތަކާ ތިނަދޫ ކައުންސިލް ރައީސް ޚިލާފުވެފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންވެ އޭނާ ވަކިކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ޕާޓީން ދެކޭ ކަމަށް ނަޝޛދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ މައްސަލައިގައި ޕާޓީގެ ވަކީލުން މިހާރު މައްސަލަ ކޯޓަށް ހުށަހެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ ހަފުތާ ތެރޭގައި އެންމެ ލަސްވެގެން ވެސް އެ މައްސަލަ ޝަރީއަތަށް ހުށަހެޅޭނެ ޕާޓީގެ ގާނޫނީ ކޮމިޓީން ދަނީ އެ ކަމުގެ ގާނޫނީ މަސައްކަތްތައް ކުރަމުން" ނަޝީދު ވިދާޅުވި އެވެ.
ޝުޖާޢުގެ ގޮނޑީގެ މައްސަލާގައި އެލްޖީއޭ އިން ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވުމަށް ފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުވުމުން ކައުންސިލްގެ މެންބަރުކަމުގެ މަގާމުން ވަކިވާނެ ކަން ގާނޫނުގައި ބަޔާންވެފައިވާ ކަމަށެވެ.
އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްްގެ ރައީސް ކަމަށް ޝުޖާއު ވާދަކުރއްވީ ދަ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގަ އެވެ. އަދި އިންތިހާބު ނިމި ދައުރު ވެސް ފެށުނު ފަހުން މެއި 19 ވަނަ ދުވަހު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާކަން ކޮމިޝަނުން އަންގާފައިވާ ކަމަށްއ އެލްޖީއޭ އިން ބުނެފައިވެ އެވެ.
އެލްޖީއޭ އިން ބުނީ ޝުޖާއު އަލީ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ޖޫން 30 ވަނަ ދުވަހު ބޭއްވި ބޯޑް ބައްދަލްވުމުން ނިންމާފައިވާ ކަމަށެވެ.