Last Updated: July 6, 00:30
Sunday, July 5, 2026
ޚަބަރު

ހޯޕް އައިލެންޑުގެ މަޝްރޫއު ކުރިއަށް ނުދާތީ ކަންބޮޑުވުން

ފައިސަލް ނަސީމް- ފޮޓޯ: ރައީސް އޮފީސް

ހޯޕް އައިލެންޑުގެ މަޝްރޫއު ކުރިއަށް ނުގެންދާތީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ހޯޕް އައިލެެންޑްގެ ނަމުގައި ސަރުކާރުން ހިންގުމަށް ރާވާފައިވާ މަޝްރޫއުއަކީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ފުރިހަމަ މޮޑެލް އެއް އޮތް ކޮންސެޕްޓެއް ކަމަށާއި މި ޕްރޮޖެކްޓަކީ ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި ފަންނީ އެތައް ބައެއްގެ ބައިވެރިވުން ހިމެނޭހެން ލ. ކަޅައިދޫގައި އެމްއެންޑީއެފް އިން މެނޭޖް ކުރާގޮތަށް ހިންގުމަށް ޕްލޭންކޮށްފައި އޮތް ޕްރޮޖެކްޓެއް ކަމަށެވެ.

މިއީ އާއިލާތަކަށް އައު އުއްމީދެއް ގެނުވާ، ޒުވާނުންނަކީ އުފެއްދުންތެރި ބައެެއްގެ ގޮތުގައި މުޖުތަމައުގައި ބައިވެރިވުމަށް ހޯދައިދޭ އިތުރު ފުރުސަތެއްގެ ގޮތުގައި ރޭވިފައިވާ މަޝްރޫއުއެއް ކަމަށާއި މުޖުތަމައުއިން ހަވާސާވެފައިވާ ފަރާތްތަކަށާއި ކުށުގެވެށީގައި އުޅޭ ޒުވާނުން ރިހެބިލިޓޭޓްކޮށް، ތައުލީމާއި ތަމްރީން އުނގަންނައިދީ، އުފެއްދުންތެރި އާމްދަނީ ލިބޭނެ މަސައްކަތެއް ދަސްކޮށްދީ އަދި އެ މަސައްކަތްތައް ކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތެއް ހޯދައިދިނުންވީ މި ކޮންސެޕްޓްގެ މަގްސަދަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މި ރަށުގައި ތަފާތު އެކި މަސައްކަތްތައް ދަސްކޮށްދޭ މަރުކަޒުތަކާއި، ކުރާ މަސައްކަތްތަކަށް އާމްދަނީ ލިބޭނެ މަގު ހުޅުވިފައި އޮންނާނެހެން ޑިޒައިންކުރެވިފައިވާނެ. މި މަރުކަޒުން ހިންގާ ޕްރޮގްރާމް ފުރިހަމަ ކުރާއިރު، އެމީހަކަށް ވަޒީފާ ޔަގީންވެފައި، ނުވަތަ މަސައްކަތެއް ކުރެވޭނެ ގޮތެއް ހޯދިފައިވުންވެސް ހިމެނޭނެ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މިއީ މުޖުތަމައުގައި އޮތް ގިނަ މަައްސަލަތަކަކަށް ހައްލު ލިބިގެންދާނެ ގޮތަށް ރޭވިފައި އޮތް މަޝްރޫއުއެއް ކަމަށާއި މި ކޮންސެޕްޓް އެކުލަވާލެވުނު އިރުވެސް މި މަސައްކަތް ލަސްވެފައިވާ ކަމަށެވެ.

"މިއަދު އަދި މިކަން ކުރުމަށް މާ ލަސްވެއްޖެ. ގައުމުގައި އޮތް އިޖްތިމާއީ މައްސަލައަށް އެޑްރެސްކުރަން ހުރި އިދާރާތަކަކީ، އެ އިދާރާއެއް ވަކިން މިފަދަ މަޝްރޫއުއެއް ހިންގުމަށް އެކަށޭނަ ތަންތަނަަށް ނުވާތީ، މިއީ ލަސްނުކޮށް ހުރިހާ އިދާރާތަކެއް އެކުވެ ކުރަންޖެހޭ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

ސަރުކާރުގެ މިކަމާއި ގުޅޭ އިދާރާއިން މޮނިޓަރކޮށް އެހެން އިދާރާތަކުން ސަޕޯޓް ދެވޭނެ ނިޒާމެއްގެ ތެރެއިން ވަށާޖެހޭ ގޮތަށް މި މަޝްރޫއު ހިންގުމަކީ ބޭނުންތެރިކަމެއް ކަމަށާއި ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް ރާއްޖޭގެ މާހައުލަށް އެކަށޭނަ ގޮތެއްގައި މި މަޝްރޫއު ހިންގިއްޖެނަމަ 5 އަހަރުތެރޭގައި އެދެވޭ އިޖްތިމާއީ ނަތީޖާއެއް ނެރެވޭނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.