އޮސްޓްރޭލިއާގެ ކުޑަކުދިންގެ ޕާކުތަކުގައި ބޭނުންކޮށް، ރަނގަޅު ހާލަތުގައި ހުރި ސާމާނު ބޭނުންވާ ކައުންސިލުތަކަށް ދޫކުރުމުގެ ޕްރޮގްރާމެއް ފަށަން އޮސްޓްރޭލިއާ ހައިކޮމިޝަނާއި އޮސްޓްރޭލިއާ މޯލްޑިވްސް ޕްރެންޑްޝިޕް އެސޯސިއޭޝަނުން ނިންމައިފިއެވެ.
އޮސްޓްރޭލިއާ ހައިކޮމިޝަނުން ކުރި ޕޯސްޓެއްގައި ބުނީ އެ ޕްރޮގްރާމުގެ ދަށުން ދޫކުރާނީ، އޮސްޓްރޭލިއާގައި ބޭނުންކޮށްފައި ހުރި ތަކެތި ނަމަވެސް ބޭނުންކުރެވޭ ހާލަތުގައި ހުރިކަން ޔަގީންކޮށްފައިވާ ތަކެތި ކަމަށެވެ.
ނަމަވެސް، އޭގެތެރެއިން ބައެއް ތަކެތީގެ ކުދިކުދި މަރާމާތު ކުރަން ޖެހިދާނެކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. އެ ޕޯސްޓުގައި ވަނީ ކައުންސިލުތަކަށް ދޫކުރާ ޕާކު ސާމާނުތައް ހުންނާނެ ގޮތުގެ ފޮޓޯތައް ވެސް އާންމުކޮށްފައެވެ.
އަދި މި ސާމާނުތައް ބަހައްޓާނެ ގޮތުގެ ފުރިހަމަ އިރުޝާދާއި ކުރެހުންތައް ވެސް ކައުންސިލުތަކަށް ފޯރުކޮށްދޭނެއެވެ. އެ ތަކެތި ބޭނުންވާ ކައުންސިލުތަކަށް އެ ތަކެތި ރާވާނެ ގޮތުގެ ތަފުސީލީ ޕްލޭންތައް ކިޔައިދޭނެކަމަށްވެސް އޮސްޓްރޭލިއާ ހައި ކޮމިޝަނުން ބުނެފައި ވެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން އެދި އީއައިއޯ ހުށަހެޅުމުގެ ފުރުސަތު ދީފައި ވަނީ، މި މަހު 16ގެ 12:00އާ ހަމައަށެވެ.