ޖޫން މަހު މިފްކޯއަށް ކިރުވި މަހަށް 11.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން، ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 517 ދޯންޏަކުން ޖޫން މަހު މަސްކިރުވާފައިވެ އެވެ. އަދި މި ދޯނިތަކަށް ޖުމްލަ 11،332،391 ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
މިފްކޯއިން ބުނީ، މިދިޔަ މަހު ޖުމްލަ 568 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވާ ކަމަށެވެ. އެގޮތުން، 484.4 ޓަނުގެ ކަޅު ބިލަމަސް ކިރުވާފައިވާއިރު، 9،326،901 ރުފިޔާ ދޫކޮށްފައިވެ އެވެ. މިއީ 196 ދޯނިން ކިރުވާފައިވާ މަހެވެ.
މީގެ އިތުރުން، ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 109 ދޯންޏަކަށް 331،440 ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 212 ދޯންޏަކަށް 1،674،050 ވަނީ ދޫކޮށްފައިވެ އެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރި މަސައްކަތުން މިހާރު ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.