މި ސަރުކާރުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ ޕާޓީ ބަދަލު ކުރުމުން ވ. ތިނަދޫ ކައުންސިލްގެ ރައީސް، ޝުޖާއު އަލީގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ކަނޑެއެޅުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.
ޝާހިދުގެ ޕޯސްޓުގައި ވަނީ އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅަން އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮންނަ ކަމަށާއި، އެހެންކަމުން އެކަންކަން ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖަހައި، އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ ޝާހިދު އެޕޯސްޓް ކުރެއްވުމުގެ ކުރިން ގާނޫނުގައި މިކަން އޮންނަގޮތް ބައްލަވާލެއްވުން ރަނގަޅު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އަދި ވ. ތިނަދޫ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ވަޑައިގެންނެވި ތާރީހާއި ޑިމޮކްރެޓްސް އުވާލެއްވި ތާރީހާއި ކައުންސިލަރު ހުވާކުރެއްވި ތާރީހު ރަނގަޅަށް ބައްލަވާލެއްވުން ރަނގަޅު ކަމުގައި ދެކެ ވަޑައިގަންނަވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ކައުންސިލަރު ޝުޖާއުގެ ހައްގުގައި ޕޯސްޓެއް ކޮށްލުމުން ނުފުދޭ ކަމަށާއި، މިކަމުގައި އެމްޑީޕީގެ ރައީސް ޝާހިދު ހިތްޕުޅުގައި މިޕްރޮސެސް ހިނގާފައިވާ ގޮތާއި މެދު ސުވާލެއް އުފެދޭނަމަ ކައުންސިލަރުގެ ހައްގުގައި ކަން ހިނގާފައިވާ ގޮތް ސާފު ކުރުމަށް ކޯޓަށް ވަޑައިގެނެވިދާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.
"މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ. ކަންކަން އެނގި ތިއްބަވައިގެން ހަމަ ކޮންމެ ކަމަކީ ސަރުކާރަށް ފާޑެއް ވިދާޅުވުން ކަމަށް ވާނަމަ ދުވަހަކުވެސް ސިޔާސީ ހަމަޖެހުމެއް މިޤައުމަކަށް ނާންނާނެ،" ޝުޖާއު ވިދާޅުވި އެވެ.