Last Updated: July 11, 02:43
Friday, July 10, 2026
ކުޅިވަރު

ފީފާގެ ނިންމުމަށް ޓްރަމްޕުގެ ޝުކުރު

އެމެރިކާގެ ރައީސް ޓްރަމްޕް އާއި ފީފާގެ ރައީސް އިންފަންޓީނޯ

ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުގައި އެމެރިކާއިން ބޮސްނިއާގެ މައްޗަށް ކުރި ހޯދި މެޗުގައި އެޓީމުގެ ފޯވާޑް ފްލޮރިއަން ބަލޮގަން އަށް ދެއްކި ރަތްކާޑަށް ލުއި ދޭން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެ މެޗުގައި އެމެރިކާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ބަލޮގަން އަށް ރަތްކާޑު ދެއްކީ ދެ ވަނަ ހާފުގައި ބޮސްނިއާގެ ޑިފެންޑަރު، ޓަރެކް މުހަރެމޮވިޗަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެ ރަތްކާޑުގެ ސަބަބުން ގަދަ 16 ގައި ބެލްޖިއަމްއާ ދެކޮޅަށް އެމެރިކާއިން ކުޅޭ މެޗަށް ބަލޮގަން ހުރީ ސަސްޕެންޑްވެފަ އެވެ.

ނަމަވެސް ފީފާ ޑިސިޕްލިނަރީ ކޮމިޓީން މިއަދު ވަނީ ބަލޮގަންގެ މި ރަތް ކާޑުގެ ސަސްޕެންޝަނަށް އަމަލުކުރުން އެއް އަހަރަށް ފަސްކުރަން ނިންމައިފަ އެވެ. ނަމަވެސް އެފަދަ ފައުލެއް އޭނާ ތަކުރާރުކޮށްފި ނަމަ އެ އަދަބު ވަގުތުން ތަންފީޒުކުރަން ފަށާނެ ކަމަށްވެސް ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމުގައިވެ އެވެ.

ފީފާގެ މި ނިންމުމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ އިންސާފުވެރި ނިންމުމެއް ނިންމައި، ހިނގާފައިވާ ބޮޑު ބޭއިންސާފެއް އިސްލާހުކޮށްދިނީތީ ފީފާއަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވާ ކަމަށެވެ.

އެމެރިކާގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރާ ބަލޮގަން ވަނީ މިފަހަރުގެ މުބާރާތުގައި ތިން ގޯލު ކާމިޔާބުކޮށްފަ އެވެ.