Last Updated: July 11, 02:43
Friday, July 10, 2026
ކުޅިވަރު

ބްރެޒިލް ކަޓައިފި، ހާލަންޑް ނޯވޭ ގޮވައިގެން ކުއާޓާއަށް

ބްރެޒިލް 2-1 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން ނޯވޭ ޖާގަ ހޯދައިފި އެވެ.

މިއީ ނޯވޭއިން ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ 1990 ވަނަ އަހަރަށް ފަހު ބްރެޒިލް މުބާރާތުގެ ކުއާޓާފައިނަލަށް ނުގޮސް ކެޓި ފުރަތަމަ ފަހަރެވެ.

ކުއާޓާގައި ނޯވޭ ބައްދަލުކުރާނީ އިންގްލެންޑާއި މެކްސިކޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

މި މެޗުގެ 14 ވަަނަ މިނެޓްގައި ލީޑު ނަގަން ބްރެޒިލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ މިޑްފީލްޑަރު ބްރޫނޯ ގިމަރޭސް ފޮނުވާލި ޕެނަލްޓީ، މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ނޯވޭގެ ގޯލްކީޕަރު ނީލަންޑް ވަނީ މަތަކޮށްފަ އެވެ. މި ޕެނަލްޓީ ބްރެޒިލަށް ލިބުނީ ނޯވޭގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރަކު ބްރެޒިލްގެ މަތިއުސް ކުންޔާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނޯވޭއަށް ލީޑު ނަގައިދޭން އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ބްރެޒިލްގެ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފަ އެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅު ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑިރަކަށް މުޅިން ހުސް ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ވިނީޝަސް ޖޫނިއާ ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ އެންޑްރިކް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ނޯވޭއިން ލީޑު ނެގީ މެޗުގެ 79 ވަނަ މިނެޓްގަ އެވެ. ނޯވޭގެ އަންދްރެއަސް ޝެލްޑްރަޕް ބްރެޒިލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިން އެޓީމަށް ލީޑު ނަގައިދިނީ އާލިން ހާލަންޑް އެވެ. އަދި މެޗުގެ 90 ވަނަ މިނެޓްގައި ހާލަންޑް ވަނީ ނޯވޭގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ބްރެޒިލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މި ދެ ގޯލާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި ހާލަންޑް ޖެހި ގޯލުގެ އަދަދު ވަނީ ހަތަކަށް އަރައިފަ އެވެ.

ބްރެޒިލުން މި މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނޭމާ އެވެ. މިއީ ނޯވޭގެ ކުޅުންތެރިއަކު ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.