Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ފޭދޫ ހައުސިން ޔުނިޓްތަކުގެ ގުރަށް ހޮވޭ ނަންތައް މިރޭ އާންމު ކުރަނީ

ފޭދޫގެ ހައުސިން ޔުނިޓްތަކެއް: ފޮޓޯ/ އައްޑޫ ލައިވް

ސ. ފޭދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެދި ކުރިމަތިލި ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ގުރުއަތަށް ހޮވޭ މީހުންގެ ނަންތައް މިރޭ އާންމު ކުރެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) މިއަދު ވިދާޅުވީ ޔުނިޓްތަކަށް އެދި ހުށަހެޅި 339 ފޯމް މިހާރު އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ކައުންސިލުން އެެކުލަވާލާފައިވާ އިވެލުއޭޝަން ކޮމިޓީގައި ފޭދޫގެ އާންމު ރައްޔިތުންގެ ތެރެެއިން ދެ މީހަކު ވެސް މި ފަހަރު ވަނީ ހިމަނައިފަ އެވެ.

"އަޅުގަނޑުމެން މިރޭ އާންމު ކުރާނީ ގުރުއަތަށް ހޮވޭ ފަރާތްތަކުގެ ނަންތަކާއި އެ ފަރާތްތަކަށް ޕޮއިންޓް ލިބުނު އުސޫލްތައް،" މިރާ ވިދާޅުވި އެވެ. "ލިސްޓް އާންމު ކުރުމަށް ފަހުް، ގުރުއަތަށް ހޮވުނު މީހުންގެ އިތުރަށް، ނުހޮވޭ ފަރާތްތަކަށް ވެސް ޝަކުވާ ހުށަހަަޅަން ހަފުތާއެއްގެ މުއްދަތެެއް ދެވޭނެ."

ޔުނިޓްތަކަށް ކުރިމަތިލާ މީހުންނަށް ޕޮއިންޓް ދެނީ އުމުރުން 21- 35 އަހަރާ ދެމެދުގެ މީހަކަށް 10 ޕޮއިންޓް، 35 އަހަރުން މަތި ނަމަ 15 ޕޮއިންޓް، އެކެއް ނުވަތަ ދެ ދަރިން ތިބި ނަމަ 10 ޕޮއިންޓް، ތިން ދަރިންނަށް ވުރެ ގިނަ ނަމަ 15 ޕޮއިންޓް އަދި ކައިވެނި ނުކުރާ މީހަކަށް ފަސް ޕޮއިންޓެވެ.

މީގެ އިތުރުން ކައިވެނި ނުކޮށް ނުވަތަ ވަރިވެފައި ނުވަތަ ފިރި ނުވަތަ އަނބި މަރުވެފައިވާ މީހެއް ނަމަ އެ މީހަކަށް ލިބޭނީ 10 ޕޮއިންޓެވެ.

ކައުންސިލުން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު ގުރުއަތުލުން ބޭއްވުމަށެވެ.