Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

އަލިފާނުގެ ހާދިސާ: 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި

ގ.ފުންފަޅު ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭ އިން ބުނީ މި ހާދިސާގައި އިމާރާތުގައި ދިރިއުޅޭ 58 އަށް ވުރެ ގިނަ މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗުން 25 މީހަކަށް އަދި އޭޑީކޭ ހޮސްޕިޓަލުން ތިން މީހަކަށް ފަރުވާ ދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓަށާއި، ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެންޑީއެމްއޭގެ ފަރާތުން އިންސާނީ އެހީތެރިކަމާއި، ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދެމުންދާ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.