މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ، މެކްސިކޯ 3-2 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް އިންގްލެންޑް ދަތުރުކޮށްފި އެވެ.
ކުއާޓާގައި އިންގްލެންޑް ބައްދަލުކުރާނީ ނޯވޭއާ އެވެ. މުބާރާތުގެ ކުއާޓާއިން ނޯވޭ ފުރަތަމަ ފަހަރަށް ޖާގަ ހޯދީ ވޯލްޑް ކަޕް ފަސް ފަހަރު ހޯދާފައިވާ ބްރެޒިލް 2-1 އިން ބަލިކުރުމަށްފަހު އެވެ.
މެކްސިކޯގެ މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުރީކޮޅު މެކްސިކޯގެ ތަޖުރިބާކާރު ފޯވާޑް ރައުލް ހިމެނޭޒް ވަނީ ބޮލުން ނުރައްކާތެރި ހަމަލާއެއް އިންގްލެންޑްގެ ގޯލަށް ފޮނުވާލާފަ އެވެ. އެ ހަމަލާ ހުޝިޔާރުކަމާއެކު މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
މެކްސިކޯ އިން ކުރިއަށް ޖެހިލައިގެން ކުޅެމުން ދަނިކޮށް މެޗުގެ 36 ވަނަ މިނެޓްގައި އިންގްލެންޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި ޖޫޑް ބެލިންހަމް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ ބުކާއޯ ސަކާ އަރިމަތިން ނަގައިން ހުރަހެއް މެކްސިކޯގެ ގޯލު ކުރިމަތީ ހުހަށް ހުރެ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން ބެލިންހަމް ވަނީ އިންގްލެންޑުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ނިންމާލުމާ ގާތަށް އިންގްލެންޑުން ޖެހިލި ނަމަވެސް މެޗުގެ 42 ވަނަ މިނެޓްގައި ހޫލިއަން ކުއިނޮނޭސް ވަނީ މެކްސިކޯ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު މެކްސިކޯގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އިންގްލެންޑްގެ ފުލްބެކް ކުއަންސާއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑުބައި ފުރިހަމަކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ. އެއް ކުޅުންތެރިއެއް މަދުން ކުޅެން ޖެހުނު ނަމަވެސް އިންގްލެންޑުން ވަނީ މެޗުގެ 60 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އަލުން ލީޑު ފުޅާކޮށްފަ އެވެ. އިންގްލެންޑްގެ އެންތޮނީ ގޯޑަން އަށް މެކްސިކޯގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ދިން މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ.
ނަމަވެސް އޭގެ ނުވަ މިނެޓް ފަހުން އިންގްލެންޑްގެ އޭރިއާ ތެރެއިން މެކްސިކޯގެ ކުޅުންތެރިއަކަށް ކޭން ކުރި ފައުލަކާ ގުޅިގެން މެކްސިކޯ އަށް ވެސް ވަނީ ޕެނަލްޓީއެއް ދީފަ އެވެ. މެކްސިކޯގެ ފޯވާޑް ހިމެނޭޒް ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށްދީ މެކްސިކޯ އަށް އަލުން އުންމީދެއް ގެނެސްދީފަ އެވެ.
މެޗުގެ ފަހު 20 މިނެޓްގައި އިންގްލެންޑުން ވަރަށް ބޮޑަށް ޑިފެންސަށް ފައިބައިގެން ކުޅުނުއިރު، މެކްސިކޯ އިން ހުރަސްތައް އޭރިއާ ތެރެއަށް ނަގައިގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.