Last Updated: July 6, 21:47
Monday, July 6, 2026
ރިޕޯޓް

އީސީސީީ: ސިޔާސީ އޮއިވަރުގައި ގެއްލުނު ބޮޑު ތަސައްވުރެއް!

އައްޑޫގެ މުސްތަގުބަލާ މެދު ވާހަކަދައްކާ އިރު، ގިނަ ފަހަރަށް ފަރުވާކުޑަކޮށްލެވޭ މުހިންމު ހަގީގަތެއް އޮވެއެވެ. އެއީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ ޚިލާފަށް، ފަތުރުވެރިކަމުގެ ބޭނުމަށް ބޭނުންކުރާނެ ފަޅުރަށްތައް މަދުވުމުގެ ސަބަބުން، އައްޑޫގެ ތަރައްގީ ބިނާވެފައި އޮންނަން ޖެހޭނީ ތަފާތު މޮޑެލްއަކަށް ކަމެވެ. އައްޑޫގެ އާބާދީގެ ބޮޑުމިނާއި، ރަށްތައް ގުޅިފައި އޮތް ގޮތާއި، ތަރައްގީވެފައިވާ އުމްރާނީ ވަސީލަތްތަކަކީ "ކޮންވެންޝަން ޓޫރިޒަމް" ނުވަތަ ބައިނަލްއަގުވާމީ ބޮޑެތި ބައްދަލުވުންތަކަށް ޚާއްޞަ މަންޒިލަކަށް އެ ސިޓީ ހެދުމަށް ލިބިފައިވާ ވަރުގަދަ ފުރުސަތެކެވެ.

ދުނިޔޭގެ ބާޒާރުގައި ކޮންވެންޝަން ޓޫރިޒަމަކީ މިއަދު އެންމެ ހަލުވިކަމާއެކު ފުޅާވަމުން އަންނަ ދާއިރާއެވެ. ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކުން ބާއްވާ ކޮންފަރެންސްތަކާއި، ޕްރޮޑަކްޓް ލޯންޗްކުރުމުގެ އިވެންޓްތަކުގެ ސަބަބުން އިގްތިސާދަށް ބިލިއަނުން ޑޮލަރު ވަދެއެވެ. މީގެ ފައިދާކުރަނީ ހަމައެކަނި ބޮޑެތި ހޮޓާތަކަކަށް ނޫނެވެ.

ރެސްޓޯރެންޓްތަކާއި، ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކާއި، ކުދި ވިޔަފާރިތަކަށް ވެސް މިކަމުގެ ސަބަބުން ބޮޑު މަންފާއެއް ކުރެއެވެ.

އައްޑޫގެ ޖިއޮގްރަފީއާއި އިޖުތިމާއީ ހާލަތަށް ބަލާއިރު، މިއީ އެ ސިޓީއަށް އެންމެ އެކަށީގެންވާ އިގްތިސާދީ މޮޑެލްކަން ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ކުރިން ދެނެގަނެފަ އެވެ. އެމަނިކުފާނުގެ ދުރުވިސްނުންފުޅާއެކު، މާލެއިން ބޭރުގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީީ) ބިނާކުރެވުނެވެ. އަދި އައްޑޫގައި ކާމިޔާބުކަމާއެކު ބޭއްވި ސާކް ސަމިޓުން ވަނީ، މިފަދަ ބޮޑެތި ހަރަކާތްތައް ހިންގުމުގެ ގާބިލްކަން އައްޑޫގައި ހުރިކަން ދުނިޔެއަށް ސާބިތުކޮށް ދީފަ އެވެ.

ނަމަވެސް، ހިތާމައަކީ މި ބޮޑު އިންވެސްޓްމަންޓަކީ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ބޭކާރު ޚަރަދެއްގެ ގޮތުގައި ސިފަކުރެވިގެން ދިއުމެވެ. އިދިކޮޅު ފަރާތްތަކުން އެތަނުގެ އަގުވައްޓާލުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ، އޭގެ ހަގީގީ މަންފާ ލިބެން ފެށުމުގެ ކުރިން އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދުމެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެތަން ހިމާޔަތްކޮށް ތަރައްގީކުރުމުގެ ބަދަލުގައި ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، އައްޑޫ ބައިނަލްއަގުވާމީ ކޮންވެންޝަން ހަބަކަށް ހެދުމުގެ ހުވަފެން ނިމުމަކަށް އައެވެ. އައްޑޫއަށް ފެންވަރު ރަނގަޅު ހޮސްޕިޓަލެއް މުހިންމު ނަމަވެސް، އެކަން ކުރަންވީ އެ ސިޓީގެ އިގްތިސާދީ މައިބަދައިގެ ގޮތުގައި އޮތް ތަފާތު ތަސައްވުރެއް ގުރުބާންކޮށްފައެއް ނޫނެވެ.

ހަގީގީ ލީޑަޝިޕަކީ ކުރީގެ ވެރިންގެ ތަރިކަ ފޮހެލުމެއް ނޫނެވެ. އެއީ ގައުމަށް ފައިދާހުރި ބޮޑެތި އިންވެސްޓްމަންޓްތަކުގެ މައްޗަށް ބިނާކޮށް ގައުމު އާރާސްތުކުރުމެވެ. ކޮންވެންޝަން ސެންޓަރުގެ ސަބަބުން އައްޑޫގެ އުމްރާނީ ތަރައްގީއަށް ލިބުނު ކުރިއެރުންތަކަކީ މިއަދުވެސް ފެންނަން އޮތް ހަގީގަތެކެވެ. މަގުތައް ހެދުމާއި، ސިޓީގެ މަލަމަތި ޒަމާނީވުމުގެ އަސްލަކީ އެ މަޝްރޫއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރުގެ ވާހަކައިން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ގައުމެއް ކުރިއަރާނީ ސިޔާސީ ވިސްނުމަށްވުރެ ގައުމީ ތަރައްގީގެ ތަސައްވުރު އިސްކޮށްގެން ކަމެވެ. އައްޑޫގެ ކޮންވެންޝަން ޓޫރިޒަމްގެ އުންމީދު މިއަދު މެދުކެނޑިފައި އޮތަސް، އެއީ މިހާތަނަށް އެ ސިޓީގެ މުސްތަގުބަލަށްޓަކައި ހުށަހެޅުނު އެންމެ ވަރުގަދަ އަދި އެންމެ އުންމީދީ ޚިޔާލުކަން ކަށަވަރެވެ