ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ސެންޓާޑް އިންވެސްޓިގޭޝަން ކޯސް ފަށައިފި އެވެ.
މިއީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކާއި އާއިލީ މައްސަލަތައް ތަހުގީގުކުރާ ފުލުހުންނަށް ހާއްސަކޮށްފައިވާ ކޯހެކެވެ.
އިއްޔެ ފެށި ކޯސް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެޓްގެ ސެންޓަ ފޯ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސްގެ ފަރާތުން އެފްސީޕީއާ ގުޅިގެންނެވެ.
މި މަހުގެ 25 އަށް ކުރިއަށް ގެންދާ މި ކޯހުގައި ތަހުގީގުކުރާ 26 ފުލުހުން ބައިވެރިވެ އެވެ.
މި ކޯހުގައި، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި، އާއިލީ މައްސަލަތައް ތަހުގީގު ކުރުމުގައި ހާއްސަ އިސްކަމެއްދީ އަދި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް އުނގަންނައިދިނުމަށް ކުލާސްތައް ކުރިއަށް ގެންދާނެ އެވެ. އެގޮތުން، ކުޑަކުދިންނާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރާނެ އެވެ. އަދި ކުޑަކުދިންނާއި އާއިލީ މައްސަލަތަކުގައި، ތަހުގީގުގެ ތެރެއިން އިންޓަވިއުކުރާނެ ގޮތްތަކުގެ އިތުރުން ކުޑަކުދިންގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތައް ދެނެގަންނާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުލާސްތައް ކުރިއަށް ގެންދާނެ އެވެ.
ކޯހުގައި މައުލޫމާތު ދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވެސް ބައިވެރިވާނެ އެވެ.