Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ޑޮލަރުގެ އަގު ހެޔޮ ނުވަނީ އެމްޑީޕީއާ ހެދި: ސައީދު

ރާއްޖޭގައި ޑޮލަރުގެ އަގުހެޔޮ ނުކުރެވި، އޭގެ ކަޅު ބާޒާރެއް އުފެދިފައި ވަނީ އިދިކޮޅު އެމްޑީޕީއާ ހެދި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އޭނަ މިހެން ވިދާޅުވި އިރު، ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ޑޮލަރުގެ އަގު ތިރިކުރާނެކަމުގެ ޔަގީންކަން ސައީދު 2024 ގައި ދެއްްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުންގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ފިއްޓޭ) ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ އަގު އުފުލުނީ އަދި ތިރި ނުވެގެން އުޅެނީ އެމްޑީޕީގެ ދެ ސަރުކާރުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވި އެވެ.

"ގާނޫނު ސަސްޕެންޑުކުރީ ވެސް މިދިޔަ ސަރުކާރުން. ގާނޫނު ސަސްޕެންޑުކޮށް ފައިސާ ޗާޕުކުރަމުން ދިޔައީ. އޭގެ ނަތީޖާ މިއަދު ބައްދަލުކުރާނެކަން އެ ވާހަކަ ދެއްކިން،" އޭނަ ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ސަރުކާރުގެ 10ރ. އާއި 15ރ. ގެ ދޭތެރޭގެ ބޭންޑެއް އެޅި ވާހަކަ ދެއްކި. އޭގެ ސަބަބުން ރައްޔިތުންނަށް ސަލާމަތް ނުވެވިގެން މި އުޅެނީ."

ނަމަވެސް މި ސަރުކާރަށް ޑޮލަރުގެ މައްސަލަ ހަމައަކަށް ނޭޅުވިގެން އުޅޭތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުިރުމުން ސައީދު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

ޑޮލަރުގެ ކަޅު ބާޒާރުގައި ރެކޯޑު އަގު އުފުލިފައިވާތާ މިހާރު އެތައް ދުވަހެކެވެ. އެގޮތުން މިހާރު ޑޮލަރެއް ގަންނަން ލިބެނީ 20.50ރ. އަށެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ރ. އެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެމްޑީީޕީގެ ޗެއާޕާސަން އަދި އެ ޕާޓީގެ ފަރތުން ރާއްޖޭގައި ފުރަތަމަ ވެރިކަން ކުރެއްވި މުހައްމަދު ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މި ސަރުކާރަށް ޑޮލަރު ހޯދޭނެ ގޮތެއް ނޭނގޭ ކަމަށާއި މި މައްސަލަ ހައްލު ނުކުރެވި ދިގުދެމިގެންދާ އިރު، ޑޮލަރެއްގެ އަގު 23ރ. އަށް އަރައިފާނެކަމުގެ ބިރު ވެސް އޮތް ކަމަށެވެ.